

.jpeg?w=3840&q=75)






ހޮރްމޫޒް ކަނޑުއޮޅި
އެމެރިކާ އާއި އިސްރާއީލުގެ ރޭވުންތަކެއް ކަމަށް އީރާނުން ސިފަކުރާ ކަންކަމާ ދެކޮޅަށް ސާބިތުވެ ތިބޭނެ ކަމަށް އެ ޤައުމުން ބުނެފިއެވެ.
އަދި މަސްރަޙު ގޯސްވަމުންދާ މި ދަނޑިވަޅުގައި، ޤައުމީ ސަލާމަތް ރައްކާތެރިކުރުމުގައި ޑިޕްލޮމެސީ އާއި ދިފާޢީ ބާރަކީ ވަކިނުކުރެވޭނެ ދެ ވަސީލަތް ކަމަށް ވެސް އީރާނުން ބުންޏެވެ.
އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ވަނީ ހޮރްމޫޒް ކަނޑުއޮޅީގެ މައްޗަށް އީރާނުގެ ފުރިހަމަ ބާރު އެބައޮތް ކަމަށްވެސް ބުނެފައެވެ. އެ ފައުޖުން ތުހުމަތުކުރި ގޮތުގައި އެމެރިކާގެ ލީޑަރުން ދަނީ ދުނިޔޭގެ ހަކަތައިގެ އަގުތަކަށް ނުފޫޒު ފޯރުވުމުގެ މަޤްޞަދުގައި، އެ މުހިންމު ކަނޑުއޮޅިން ދަތުރުފަތުރު ކުރުމާ ގުޅޭގޮތުން ދޮގު މަޢުލޫމާތު ފަތުރަމުންނެވެ.
މިދަނޑިވަޅުގައި ވައިޓް ހައުސްއިން އަލްޖަޒީރާއަށް މަޢުލޫމާތު ދެމުން ބުނީ، އެމެރިކާގެ ކަނޑުގެ އަސްކަރީ ބަންދު (ބްލޮކޭޑް) އަދިވެސް ފުރިހަމައަށް ހިނގަމުންދާ ކަމަށެވެ. އަދި ހޮރްމޫޒް ކަނޑުއޮޅި އޮތީ ހުޅުވިފައި ކަމަށާއި އެތަނުގައި އަޅާފައިވާ މައިންތައް ސާފުކޮށްފައިވާ ކަމަށް ވޮޝިންޓަނުން ބުންޏެވެ. ހަމައެއާއެކު، އެމެރިކާއިން އީރާނާއެކު އެއްވެސް މަޝްވަރާއެއް ކުރަމުން ނުދާ ކަމަށް ވެސް ތަކުރާރުކޮށް ބުންޏެވެ.
އީރާނުގެ ރޫޙީ ލީޑަރު މުޖްތަބާ ޚާމަނާއީ ވަނީ ޢާންމު ރައްޔިތުން އެއްބައިވަންތަކަންމަތީ ދެމިތިބުމަށް ގޮވާލައްވައި، "އިޖްތިމާޢީ ބަދަހިކަމަށް" ބުރޫއަރާފާނެ ފަދަ ޢަމަލުތަކުން ދުރުހެލިވުމަށް އިންޒާރު ދެއްވާފައެވެ.
އަދި މަސްރަޙު ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި، މާޔޫސްވާ ފަދަ ވާހަކަތައް ނުދެއްކުމަށް އޭނާ އޮފިޝަލުންނަށް އިލްތިމާސްކުރެއްވިއެވެ. ސަބަބަކީ އެފަދަ ވާހަކަތަކުގެ ސަބަބުން ޤައުމީ އެއްބައިވަންތަކަން ބަލިކަށިވެދާނެތީއެވެ.
ދެފަރާތުން މިފަދަ ޚިލާފު ބަޔާންތަކެއް ނެރެމުން މިދަނީ ހޮރްމޫޒް ކަނޑުއޮޅިއަކީ މި ކުރިމަތިލުމުގެ މައި މަރުކަޒަށް ވެފައިވާ ދަނޑިވަޅެއްގައެވެ. މި ކަނޑުއޮޅިއަކީ ދުނިޔޭގެ އެންމެ މުހިންމު އެއް ހަކަތައިގެ މަގަށް ވާއިރު، މި މަގަށް ބުރޫއަރައިފިނަމަ ދުނިޔޭގެ ތެލާއި ގޭހުގެ ސަޕްލައިއަށް އޭގެ ނޭދެވޭ އަސަރު ފޯރާނެއެވެ.
އީރާނުގެ ވިސްނުމުން ހާމަވަނީ ތެހެރާނުން ޑިޕްލޮމެޓިކް މަސައްކަތްތަކާއެކު އަސްކަރީ ބާރުވެސް ދައްކަމުން ގެންދަން ނިންމާފައިވާ ކަމެވެ. އަނެއްކޮޅުން ވޮޝިންޓަނުން ދަނީ ކަނޑުގެ ސިފައިންގެ ބާރާއި ބްލޮކޭޑް މެދުވެރިކޮށް އީރާނަށް ޕްރެޝަރު ކުރަމުންނެވެ.


.jpeg?w=3840&q=75)

