





.jpeg?w=3840&q=75)


ބިޑޭޒްލިންގ' ޓްރެންޑް'
ފެޝަނާއި މޭކަޕްގެ ދުނިޔޭގައި އަދި އާންމު ދިރިއުޅުމުގެ ލައިފްސްޓައިލްގައި މިހާރު އެންމެ ބޮޑަށް ވައިގައި ހިފާފައިވާ އެއް ކަމަކީ 'ބިޑޭޒްލިންގ' ޓްރެންޑެވެ.
ދުނިޔޭގެ މަޝްހޫރު ތަރިންގެ ފަރާތުން ފެށިގެން އައި މި ޓްރެންޑަކީ ކުދިކުދި ވިދާ ހިލަ ނުވަތަ ކްރިސްޓަލް އަދި ރައިންސްޓޯން ބޭނުންކޮށްގެން ތަކެތި ޒީނަތްތެރިކުރުމެވެ.
މީގެ ކުރިން ހަމައެކަނި ފެޝަންގެ ތެރޭގައި އުޅުނު މި ސްޓައިލް މިހާރު ވަނީ އާންމު ދިރިއުޅުމުގެ ގިނަ ކަންކަމަށް ފެތުރިފައެވެ.
އެގޮތުން މޫނުމަތީގައި ކުރާ މޭކަޕްގެ އިތުރުން ފޭސް މާސްކުތަކާއި، ކޮސްމެޓިކްސް ސާމާނު އަދި އާންމުކޮށް ބޭނުންކުރާ ޕްލާސްޓިކް ކޮފީ ތަށި ފަދަ ތަކެތިވެސް މިހާރު އަންނަނީ ވިދާ ކްރިސްޓަލްތަކުން ޒީނަތްތެރިކުރަމުންނެވެ.
މީގެ އިތުރުން އުފަންދުވަހުގެ ޕާޓީތަކަށާއި ޚާއްޞަ މުނާސަބަތުތަކަށް ތައްޔާރުކުރާ ކޭކުތަކުގައިވެސް މި ޓްރެންޑް ބޭނުންކޮށްގެން ތަފާތު ޑިޒައިންތައް އަންނަނީ އުފައްދަމުންނެވެ.
މިއީ ހަމައެކަނި ޚާއްޞަ ހަފްލާތަކަކަށް ނުވަތަ ރެޑް ކާޕެޓަށް ޚާއްޞަ ކަމެއްގެ ބަދަލުގައި، އަމިއްލަ ދިރިއުޅުމުގައި ގެންގުޅޭ އާދައިގެ ސާމާނުތަކަށްވެސް ތަފާތު، ޗާލު އަދި ވިދުންގަދަ ސިފައެއް ގެނެސްދިނުމަށް ޒުވާނުން ބޭނުންކުރާ މަގުބޫލު އުކުޅެކެވެ.
ކައިލީ ޖެނަރ ފަދަ ދުނިޔޭގެ މަޝްހޫރު އިންފްލުއެންސަރުންނާއި ތަރިން ސޯޝަލް މީޑިއާގައި މި ޓްރެންޑް އިތުރަށް ޕްރޮމޯޓްކުރަމުންދާއިރު، ފެޝަން އަދި ލައިފްސްޓައިލް ދިރާސާކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި މިއީ މިއަހަރުގެ އެންމެ ބޮޑު އެއް ލައިފްސްޓައިލް ޓްރެންޑަށް ވެގެންދާނެއެވެ.








