





.jpeg?w=3840&q=75)


އަރުޖުން ކަޕޫރު އާއި އޭނާގެ ކޮއްކޮ އަންޝުލާ ކަޕޫރު
ބޮލީވުޑްގެ އެކްޓަރ އަރުޖުން ކަޕޫރު، އޭނާގެ ކޮއްކޮ އަންޝުލާ ކަޕޫރުގެ ކައިވެނި ހަފްލާގައި ވާހަކަދައްކަމުން އެމީހުންގެ މަންމަ މޯނާ ޝޯރީ ކަޕޫރުގެ ހަނދާންއާކޮށްފިއެވެ.
އަންޝުލާ އާއި ރޯހަންގެ ކައިވެންޏަށް މަހެއްހާ ދުވަސް ފަހުން އަންޝުލާ ވަނީ މި އަސަރުގަދަ ވަގުތުގެ ވީޑިއޯ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.
ކައިވެނީގެ ރިސެޕްޝަންގައި ސްޓޭޖުމަތީގައި ވާހަކަދައްކަމުން އަރުޖުން ބުނީ، މިއީ މަންމަ ހުރިނަމަ ވަރަށް އުފާކުރާނެ ދުވަހެއް ކަމަށެވެ. މީގެ އިތުރުން ހަފްލާ ކުރިއަށްދިޔަ ވަގުތު ބޭރުގައި ވެހެމުންދިޔަ ވާރެޔާ ގުޅުވައި އަރުޖުން ބުނީ، އެއީ އެމީހުންގެ މަންމަގެ އުފާވެރިކަމުގެ ކަރުނަ ކަމަށާއި، މަންމަގެ ހެޔޮދުއާ އެ ދެމަފިރިންނަށް ލިބެމުންދާކަން ޔަގީންވާ ކަމަށެވެ.
މީގެ އިތުރުން، އަންޝުލާ ގެއިން ބަދަލުވުމުން އޭނާ މަތިން ވަރަށް ހަނދާންވާކަމަށާއި، އޭނާއަކީ ދިރިއުޅުމުގައި ކިހާ މުހިންމު މީހެއްކަން އެނގުނީ ވަކިން އުޅެން ފެށުމުން ކަމަށްވެސް އަރުޖުންގެ ވާހަކައިގައި ފާހަގަކުރިއެވެ.
މި ވީޑިއޯ އިންސްޓަގްރާމްގައި ހިއްސާކުރަމުން އަންޝުލާ ލިޔެފައިވަނީ، މި ވީޑިއޯ އެތައް ފަހަރަކު ބެލުނު ކަމަށާއި، ކޮންމެ ފަހަރަކުވެސް އަމިއްލަ ނަފްސަށްވުރެ ބޮޑަށް ބޭބެގެ މޫނުމަތިން ފެންނަ އުފަލާއި، ފަޚުރުވެރިކަމާއި އަދި ކަރުނަތަކަށް ސަމާލުކަން ދެވޭ ކަމަށެވެ. އަދި ދިރިއުޅުމުގައި ކޮންމެ ބަދަލެއް އައިނަމަވެސް، ބޭބެއަކީ އަބަދުވެސް އޭނާގެ އެންމެ ބޮޑު ސަޕޯޓަރު ކަމުގައި އަންޝުލާ ފާހަގަކުރިއެވެ.
އަރުޖުން އާއި އަންޝުލާއަކީ ބޯނީ ކަޕޫރުގެ ފުރަތަމަ އަންހެނުން މޯނާ ޝޯރީ ކަޕޫރުގެ ދެދަރިންނެވެ. މޯނާ ވަނީ 2012 ވަނަ އަހަރު ކޭންސަރު ބަލީގައި މަރުވެފައެވެ.






%20(1).jpeg?w=3840&q=75)

