
ސަލްމާން ޚާން
ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާން، ކަރަން ޖޯހަރް ހޯސްޓްކުރާ މަޝްހޫރު ޗެޓް ޝޯ 'ކޮފީ ވިތު ކަރަން' ގެ 9 ވަނަ ސީޒަންގެ ފުރަތަމަ އެޕިސޯޑުގައި (ސޯލޯކޮށް) ބައިވެރިވާން ހަމަޖެހިފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ވެރައިޓީ އިންޑިއާއިން ގެނެސްދީފައިވާ އެކްސްކްލޫސިވް ރިޕޯޓެއްގައި ވާގޮތުން، މިފަހަރުގެ ސީޒަން ފެށުމުގެ ގޮތުން ގެނެސްދޭ ޚާއްޞަ އެޕިސޯޑުގެ މެހެމާނަކީ ސަލްމާން ޚާން އެވެ.
އާންމުގޮތެއްގައި 'ކޮފީ ވިތު ކަރަން' ގައި ތަރިން ބައިވެރިވަނީ ޖޯޑުޖޯޑަށެވެ. ނުވަތަ ދެތިން ތަރިން އެކީގައެވެ. ނަމަވެސް ސަލްމާން ޚާން ފަދަ ބޮޑު ތަރިއަކު އެކަނި ފެނިގެންދިއުމަކީ ޝޯގެ ތާރީޚުގައިވެސް ވަރަށް މަދުން ނޫނީ ނުފެންނާނެ މަންޒަރަކަށް ވާނެއެވެ.
މިއީ މި ޝޯގެ އައު ސީޒަނަށް ބެލުންތެރިންގެ ޝައުޤުވެރިކަން ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމެއް ކަމަށް ފިލްމީ ޚަބަރުތައް ގެނެސްދޭ ފަރާތްތަކުން ބުނެއެވެ.
މީގެ ކުރިންވެސް ސަލްމާން ޚާން ވަނީ މި ޝޯގައި ބައިވެރިވެ، ބެލުންތެރިންނަށް ވަރަށް މަޖާ އަދި ޝައުޤުވެރި ވާހަކަތަކެއް ހިއްސާކޮށްފައެވެ.
ކަރަން ޖޯހަރްގެ މި ޝޯއަކީ ބޮލީވުޑްގެ އެންމެ ފަހުގެ ޚަބަރުތަކާއި ތަރިންގެ ޒާތީ ދިރިއުޅުމުގެ ވާހަކަތައް ވަރަށް ގިނައިން ތިލަވާ ޝޯއަކަށް ވުމުން، ސަލްމާންގެ މި ޚާއްޞަ އެޕިސޯޑުގައި އޭނާގެ ކުރިއަށް ހުރި ފިލްމުތަކާއި އަމިއްލަ ދިރިއުޅުމާ ގުޅޭގޮތުން ގިނަ ވާހަކަތަކެއް ހާމަކުރާނެކަމަށް އިންތިޒާރުކުރެވެއެވެ.
ސީޒަން 9 ވަރަށް އަވަހަށް ފެށުމަށް ތައްޔާރުވަމުން އަންނައިރު، މީގެ އިތުރުންވެސް ބޮލީވުޑްގެ ނަންމަޝްހޫރު ގިނަ ތަރިންތަކެއް މިފަހަރުގެ ސީޒަނުން ފެނިގެންދާނެ ކަމަށް ބެލެވެއެވެ.
















%20(2).jpeg?w=3840&q=75)