
-
މި އަހަރުގެ އިންޖިނޭރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކަމާބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.
ރާއްޖޭގައި އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ އޮގަސްޓު މަހުގެ 30 ވަނަ ދުވަހެވެ.
މި ދުވަހާ ގުޅުވައިގެން ކުރިއަށްގެންދާ އެންމެ ޚާއްޞަ އެއް ހަރަކާތަކީ ރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިން ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކޮށްދެއްވާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ބާއްވާ "އިންޖިނިއަރސް އެވޯޑު" ދިނުމުގެ ރަސްމިއްޔާތެވެ. ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ހަފްލާގައި 10 ގިންތިއަކުން އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، ރާއްޖޭގެ އުމްރާނީ އަދި އިޤްތިޞާދީ ކުރިއެރުމުގައި އިންޖިނިއަރިން ދާއިރާގެ މުހިންމުކަން ކުޑަކުދިންނަށް އޮޅުންފިލުވައިދީ، އެ ދާއިރާއަށް ޝައުޤުވެރިކަން އުފެއްދުމުގެ ގޮތުން 29 އޮގަސްޓު 2026 ވާ ހޮނިހިރު ދުވަހުގެ ހަވީރު 16:00 އިން ފެށިގެން ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ވަނީ ރޭވިފައެވެ. މި ހަވީރުގައި އެމްއެންޑީއެފް، އެމްޓީސީސީ، އެޗްޑީސީ، އެމްޑަބްލިޔުއެސްސީ، ފެނަކަ، ސްޓެލްކޯ، އާރުޑީސީ، އެމްއޭސީއެލް، މޯލްޑިވިއަން، އެންވަޔަރަންމަންޓް މިނިސްޓްރީ/ޔޫއާރްއޭ، އެމްޕީއެލް އަދި އެފްޑީސީ ހިމެނޭހެން ދައުލަތުގެ މުހިންމު ކުންފުނިތަކާއި މުއައްސަސާތަކުގެ ސްޓޯލްތަކުން ތަފާތު ޢިލްމީ އަދި މަޖާ އަމަލީ ހަރަކާތްތައް ދައްކާލާނެއެވެ.
ހަމައެއާއެކު، ދަރިވަރުން މި ދާއިރާއަށް އަހުލުވެރިކުރުވުމަށްޓަކައި 5 ސެޕްޓެމްބަރު 2026 ގައި ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ސައިޓް ވިޒިޓްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ކޮންމެ އަތޮޅެއްގެ މަދުވެގެން ދެ ރަށެއްގައި ހިނގާ މަޝްރޫޢުތަކުގެ ސައިޓުތަކަށާއި އިންޖީނުގެތަކަށް ދަރިވަރުން ގެންގޮސް އިންޖިނިއަރުންގެ މަސައްކަތްތައް ކިޔައިދިނުމުގެ އިތުރުން، މާލޭ ސަރަޙައްދުގައި ކުރިއަށްދާ ތިލަމާލެ ބްރިޖް މަޝްރޫޢުގެ ސައިޓަށްވެސް ސްކޫލް ދަރިވަރުންނަށް ޚާއްޞަ ޒިޔާރަތެއް ކުރުމަށް ވަނީ ރާވާފައެވެ.

%20(1).jpeg?w=3840&q=75)




%20(1).jpeg?w=3840&q=75)




.jpg?w=3840&q=75)



