





ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެމްބަރު ކަމަށް ޝައްމޫން ހަމީދު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
އެޗްއާރްސީއެމް އަށް އާ މެމްބަރަކު އައްޔަންކުރަން ޖެހުނީ މިހާރު އެ މަގާމުގައި ހުންނެވި ސަމާއު އަހްމަދު ނަޖީބުގެ ދައުރު ހަމަވާތީއެވެ. މި މަގާމަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވީ ޝައްމޫން ހަމީދާއި ސަމާއު އަހްމަދު ނަޖީބުގެ ނަމެވެ.
ކޮމެޓީ މަރުހަލާގައި ޝައްމޫން ހަމީދަށް 92 މާކްސް ލިބިވަޑައިގެންނެވިއިރު، ސަމާއު އަހްމަދު ނަޖީބަށް ލިބިވަޑައިގަތީ 86 މާކްސް އެވެ.
ޝައްމޫން ހަމީދަކީ މީގެކުރިން އެޗްއާރުސީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ.





