





ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ވަގުތީ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް، އެ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރު ސަބީހާ އަހްމަދު ހަމަޖައްސައިފި އެވެ.
ސަބީހާ މި މަގާމަށް އައްޔަންކުރީ، އެ ކުންފުނީގެ އެމްޑީގެ މަގާމުގައި ހުންނެވި އިބްރާހިމް ޝިއުރީ މިދިޔަ ހޯމަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ސަބީހާ އަކީ ފަތުރުވެރިކަމާއި ހޮސްޕިޓާލިޓީ ދާއިރާގައި 10 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ފަރާތެކެކެވެ. އޭނާ ވިޒިޓް މޯލްޑިވްސްގެ ސީއޯއޯގެ މަގާމަށް އައްޔަންކުރީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުއެވެ. އަދި 29 އޮކްޓޯބަރު 2025 ގައި، އެ ކުންފުނީގެ ބޯޑު މެންބަރެއްގެ ގޮތުގައި ވެސް އޭނާ ވަނީ އައްޔަންކޮށްފައެވެ.
ސަބީހާ ވަނީ މެލޭޝިއާގެ ލިމްކޮކްވިން ޔުނިވަސިޓީ އޮފް ކްރިއޭޓިވް ޓެކްނޮލޮޖީން ޓޫރިޒަމް މެނޭޖްމަންޓް ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލްކުރައްވާފައެވެ.


