
-
މާފަންނު ނެދުންގޯޅި ހިނގާ މީހުންނަށް ޚާއްޞަ "ޕެޑެސްޓްރިއަން" ގޯޅިއަކަށް ބަދަލުކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފި އެވެ.
މާލެ ސިޓީ ކައުންސިލުން ވަނީ މާފަންނު ނެދުންގޯޅި ހިނގާ މީހުންނަށް ޚާއްޞަ "ޕެޑެސްޓްރިއަން" ގޯޅިއަކަށް ބަދަލުކުރުމާ ގުޅޭގޮތުން އިތުރަށް ދިރާސާކުރުމަށްޓަކައި، މާލެ ސިޓީ ކައުންސިލްގެ ޓްރެފިކް ކޮމިޓީއަށް އެމައްސަލަ ފޮނުވާފައި އެވެ.
މި މައްސަލަ ޓްރެފިކް ކޮމިޓީއަށް ފޮނުވުމަށް ފާސްކޮށްފައިވަނީ ބުދަ ދުވަހު ބޭއްވި މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 13 ވަނަ ރަސްމީ ޢާންމު ޖަލްސާގައެވެ.
މި ނިންމުން ނިންމާފައިވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ކައުންސިލަރުންގެ އިއްތިފާޤުންނެވެ.
ކައުންސިލުން ހުށަހެޅި މި މައްސަލައިގައި ބަޔާންކޮށްފައިވާގޮތުން، މާފަންނު ނެދުންގޯޅި ޕެޑެސްޓްރިއަން ގޯޅިއަކަށް ބަދަލުކުރުމަށް އެދި އެ ގޯޅީގައި ހުންނަ ގޭގޭގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން ސިޓީ ކައުންސިލަށް ވަނީ ޕެޓިޝަނެއް ހުށަހަޅާފައެވެ. އަދި މި ޕެޓިޝަނާ ގުޅޭގޮތުން ފަންނީ އަދި އިދާރީ ދިރާސާތައް ކުރުމަށްފަހު ވަކި ގޮތެއް ނިންމުމުގެ ބޭނުމުގައި މި މައްސަލަ ވަނީ ޓްރެފިކް ކޮމިޓީއަށް ފޮނުވާފައެވެ.
މާލޭގެ މަގުތަކަކީ ތޮއްޖެހުން ބޮޑު މަގުތަކަކަށް ވުމާއެކު، ބައެއް ކުދި ގޯޅިތައް ހިނގާ މީހުންނަށް ޚާއްޞަ ތަންތަނުގެ ގޮތުގައި ހަމަޖެއްސުމަކީ އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އަމާން އަދި ފަސޭހަ މާޙައުލެއް ޤާއިމުވެގެންދާނެ ކަމެކެވެ. ޓްރެފިކް ކޮމިޓީން މި މައްސަލަ ދިރާސާކުރުމަށްފަހު، އަލުން ކައުންސިލްގެ ޖަލްސާއަށް ހުށަހަޅާނެއެވެ.
















