
-
ދިވެހިރާއްޖޭގައި މިހާތަނަށް ބިނާކުރެވޭ އެންމެ ބޮޑު ވަޤުފު ޢިމާރާތް ކަމަށްވާ "ދާރުއްސަލާމް" ގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށިގެން ކުރިޔަށްދާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
ވިހިހާސް އަކަފޫޓުގެ ބޮޑު ސަރަޙައްދެއްގައި، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރް.ސީ.ސީ) އާ ހަވާލުކޮށްގެން ތަރައްޤީކުރާ 12 ފަންގިފިލާގެ މި ބިޔަ މަޝްރޫޢަކީ 244.5 މިލިއަން ރުފިޔާގެ އަގުހުރި މަޝްރޫޢެކެވެ. މި ޢިމާރާތުގެ އެންމެހައި މަސައްކަތްތައް ދެ އަހަރު ދުވަހުގެ ތެރޭގައި އެއްކޮށް ނިންމުމަށް ވަނީ ތާވަލުކުރެވިފައެވެ.
ރާއްޖޭގައި ޤާއިމުކުރާ މިފަދަ ދެވަނަ ވަޤުފް އިމާރާތް ކަމަށްވާ "ދާރުލް އަރްޤަމް" ގެ ބިންގާ އަޅުއްވާފައިވަނީ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ.
ގްރޭޓަރ މާލެ ސަރަޙައްދުގެ އިތުރުންވެސް، ރާއްޖޭގެ އެންމެ އާބާދީ ބޮޑެތި ސަރަޙައްދުތައް ކަމަށްވާ އައްޑޫ އަތޮޅު، ފުވައްމުލައް ސިޓީ، ހުވަދު އަތޮޅު އަދި ތިލަދުންމަތި ހިމެނޭ ގޮތަށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފް އިމާރާތްތައް އެޅުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.
އަދި މިފަދަ ވަޤުފް އިމާރާތްތަކުން ލިބޭ އެންމެހައި އާމްދަނީ ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ، އިސްލާމީ ވަޙުދަތު އިތުރުކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ ތަފާތު ދީނީ އަދި އިޖުތިމާޢީ މަސައްކަތްތަކަށެވެ.












