








-
މާލޭ ވިޔަފާރި ބަނދަރުގެ ހުރިހާ މަސައްކަތްތަކެއް ތިލަފުށްޓަށް ބަދަލުކުރެވި، ފުރިހަމަ އޮޕަރޭޝަނަށް އައުމުން މާލޭގެ މަގުތަކުގެ ކާރުބާރު ބޮޑު ސަރަޙައްދުތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރ ސަޢީދު ވިދާޅުވީ، ކަނޑުމަގުން ރާއްޖެއަށް މުދާ އެތެރެކުރުމުގައި މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މާލޭ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަން ކަމަށެވެ.
މި މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މާލޭ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތްތައް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވި ގޮތުގައި، ތިލަފުށީގައި ތަރައްޤީކުރާ އިންޓަރނޭޝަނަލް ޕޯޓުގައި ޒަމާނީ ވަސީލަތްތަކާއެކު ގުދަންތަކާއި، ކޯލްޑް ސްޓޯރޭޖް އަދި ޑްރައި ގުޑްސް ރައްކާކުރެވޭނެ އެންމެހައި އިންތިޒާމުތައް ފުރިހަމަވެގެންދާނެއެވެ.
މި މަޝްރޫޢުގެ ދަށުން 2027 ވަނަ އަހަރުގެ ތެރޭގައި މާލޭ ބަނދަރުގެ ހުރިހާ އޮޕަރޭޝަނެއް އެއްކޮށް ތިލަފުށްޓަށް ބަދަލުކުރެވިގެންދާނެ ކަމަށާއި، އަދި 2028 ވަނަ އަހަރު ނިމޭއިރު މި މުޅި މަޝްރޫޢު ފުރިހަމަވުމުން މާލެއަށް ކުރިމަތިވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ އަދި ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށްވެސް މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ.




