
އަލް ނަސްރުގެ ކުޅުންތެރިން ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ...
ސައުދީ ކިންގްސް ކަޕް ރައުންޑް އޮފް 32 ގައި މިރޭ ރަށުން ބޭރުގައި އަލް ދިރިޔާހް އާއި ދެކޮޅަށް ކުޅުނު މެޗު ފަހަތުން އަރައި 4-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އަލް ނަސްރުން މުބާރާތުގެ ރައުންޑް އޮފް 16 ގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
މިއީ މިމުބާރާތުގައި 2008 ވަނަ އަހަރު ބާއްވަން ފެށި ފަހުން އަލް ނަސްރުން، ޖެހިޖެހިގެން މުބާރާތުގެ ރައުންޑް އޮފް 16 ގެ ޖާގަ ހޯދި 20 ވަނަ ފަހަރެވެ.
ސައުދީ ޕްރޯލީގަށް މިސީޒަނުގައި ޕްރޮމޯޓްވި އަލް ދިރިޔާހްގެ ދަނޑުގައި ކުޅުނު މިމެޗުގައި އަލް ނަސްރުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑް ކުޅެފައިނުވާއިރު، މެޗުގެ ދެވަނަ މިނެޓުގައި ދިރިޔާހް އިން ވަނީ ލަނޑެއް ކާމިޔާބުކޮށް އަލް ނަސްރު ހާސްކޮށްލާފައެވެ.
މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ސްޕެނިޝް މިޑްފިލްޑަރު އޮސްކާ ރޮޑްރިގޭޒް އެވެ. ނަމަވެސް އޭގެ ނުވަ މިނެޓު ފަހުން އަލް ނަސްރުގެ ޕޯޗުގަލް ފޯވާޑް ޖޮއާއު ފެލިކްސް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޑިފެންޑަރު މުހައްމަދު ސިމެކާން ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ.
އަލް ނަސްރުން މެޗުގެ ލީޑު ހޯދި ލަނޑު ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައި ފެލިކްސް ކާމިޔާބުކުރިއިރު، ޖެހިގެންއައި މިނެޓުގައި އަބްދުއްﷲ އަލް ހަމަދު ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން އަލް ނަސްރު ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، އަލް ނަސްރުގެ ހަތަރު ވަނަ ލަނޑު ދެވަނަ ހާފުގެ 68 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ފެލިކްސް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-1 ގެ ނަތީޖާއަކުން އަލް ނަސްރު ކުރީގައި އޮވެގެންނެވެ.














