%20(1).jpeg?w=2048&q=75)
ހޫނުން ސަލާމަތްވެ، ރޯމްގެ ރީތިކަން ކޯރުމަތިން ބަލާލުމަށް ފަތުރުވެރިން ރާފްޓިންގ ޓުއަރއެއްގައި!
އިޓަލީވިލާތުގެ ވެރިރަށް ރޯމްގެ ހޫނުގަދަ މޫސުމުން ސަލާމަތްވުމަށާއި، ތާރީޚީ ތަންތަން ބަލާލުމަށް އޮންނަ ދިގު ކިޔޫތަކުން ސަލާމަތްވުމަށްޓަކައި ފަތުރުވެރިން މިހާރު އައު ގޮތެއް ޚިޔާރުކުރަން ފަށައިފިއެވެ.
އެއީ ރޯމްގެ މެދުތެރެއިން ދައުރުވާ މަޝްހޫރު 'ޓައިބަރ' ކޯރުގައި ރާފްޓިންގ ކުރުމެވެ.
ގިނަ ފަތުރުވެރިން މިހާރު އިޚުތިޔާރުކުރަނީ އެތައް ކިލޯމީޓަރަކަށް ހިނގުމުގެ ބަދަލުގައި، ފިނިކޮށްލުމާއެކު ރޯމްގެ ރީތިކަން ކޯރުމަތިން ބަލާލުމަށެވެ. ގާތްގަނޑަކަށް 2 ގަޑިއިރުގެ މި ރާފްޓިންގ ޓުއަރގެ އަގަކީ މީހަކަށް 40 ޔޫރޯއެވެ.
މި ދަތުރު ފެށޭނީ ތާރީޚީ 'ޕިއާޒާ ޑެލް ޕޮޕޮލޯ' ކައިރިންނެވެ. ދަތުރުގެ ތެރެއިން ރޯމްގެ މަޝްހޫރު ކާސަލް ސެންޓް އެންޖެލޯ އާއި ސެއިންޓް ޕީޓަރސް ބެސިލިކާގެ ބޮޑު ގުއްބުވެސް ފެނިގެންދާނެއެވެ. އަދި ދަތުރު ނިމޭނީ ރޯމްގެ އެވޭލާ ބަނދަރެއް ކަމަށްވާ ޓްރެސްޓެވޭރޭ ސަރަހައްދަށެވެ.
ޓުއަރގައި ބައިވެރިވި ފަތުރުވެރިންނާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ފައިމަގުގައި ހިނގާފައި ބަލާލުމާ އަޅާބަލާއިރު ކޯރުމަތިން ރޯމްގެ މަންޒަރުތައް ބަލާލުމަކީ މުޅިން ތަފާތު އަދި އެހާމެ ޚާއްޞަ ތަޖުރިބާއެކެވެ. އަދި ޓައިބަރ އައިލެންޑާ ހިސާބުން ކޯރުގެ އޮއިވަރު ބާރުވެ، ރޯމްގެ އެންމެ ދުވަސްވީ ހިލަ ބްރިޖުތަކުގެ ދަށުން ދަތުރުކުރާއިރު ގައިގާ ފެންޖެހުމަކީ ދަތުރަށް އިތުރު ފޯރިއެއް ގެނެސްދޭ ކަމެއްކަމަށް ޓުއަރގައިޑުންނާއި ފަތުރުވެރިން ފާހަގަކުރެއެވެ.










%20(1).jpeg?w=3840&q=75)

