
ރ. މަޑުއްވަރީގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ދެމުންދާ ޚިދުމަތުގެ ފެންވަރު މަތިކުރުމަށްޓަކައި 800 ކިލޯވޮޓުގެ އައު ޖެންސެޓެއް އެ ރަށަށް ގެންގޮސްފިއެވެ.
ފެނެކަ ކޯޕަރޭޝަނުން ބުނީ މި އައު ޖެންސެޓް ގެންދިއުމުގެ ކުރިން އެ ރަށުގެ އިންޖީނުގޭގެ ޖުމްލަ ކެޕޭސިޓީ ހުރީ 2,100 ކިލޯވޮޓްގައި ކަމަށެވެ.
ނަމަވެސް، އަލަށް ގެންދިޔަ 800 ކިލޯވޮޓުގެ ޖެންސެޓް ބޭނުންކުރަން ފެށުމާއެކު، ރަށުގެ ކަރަންޓު އުފެއްދުމުގެ ޤާބިލުކަން 2,900 ކިލޯވޮޓަށް މަތިވެގެންދާނެކަން އެކުންފުނީން ހާމަކުރެއެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފެނާއި، ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ދެމުން އަންނަ ފެނަކަ ކޯޕަރޭޝަނުން ދަނީ އެ ކުންފުނީގެ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ރައްޔިތުންނަށް ލުއިފަސޭހަތަކެއް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އިންޖީނުގެތަކުގެ ހާލަތު ރަނގަޅުކޮށް، ކަރަންޓުގެ ޚިދުމަތް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށް ފާއިތުވި އަހަރުތަކުގެ ތެރޭގައި އެ ކުންފުނިން ވަނީ މުހިންމު ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.
















