
މަޝްހޫރު މިއުޒިކް ޑައިރެކްޓަރ އޭ.އާރް ރަޙްމާން އާއި ސަލްމާން ޚާން
މަޝްހޫރު މިއުޒިކް ޑައިރެކްޓަރ އޭ.އާރް ރަޙްމާން، ދާދިފަހުން ނިޔާވި އިންޑިއާގެ ލެޖެންޑަރީ ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭގެ ހަނދާނުގައި ތައްޔާރުކުރާ ޚާއްޞަ ޓްރިބިއުޓް މިއުޒިކް ވީޑިއޯގައި ބައިވެރިވާން ބޮލީވުޑްގެ ތަރި ސަލްމާން ޚާން އެއްބަސްވުމުން، އެކަމަށް ޝުކުރު އަދާކޮށްފިއެވެ.
އޭ.އާރް ރަޙްމާންގެ އެކްސް އެކައުންޓުގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އާޝާ ބޯސްލޭގެ ޓްރިބިއުޓް ވީޑިއޯގައި ބައިވެރިވުމަށް ސަލްމާން ޚާން އެއްބަސްވުމުން ހިތުގެ އަޑިން ޝުކުރު އަދާކުރާ ކަމަށެވެ. އަދި އާޝާ ބޯސްލޭއަށް ސަލްމާން ޚާން ކުރާ އިހުތިރާމާއި ލޯބީގެ ސަބަބުންނާއި، އާޝާގެ ލެޖެންޑަރީ ހަޔާތް ފާހަގަކުރުމުގައި ސަލްމާން ބެހެއްޓި ގާތްކަމުގެ ސަބަބުން މި ޕްރޮޖެކްޓް އިތުރަށް ޚާއްޞަވެގެން ގޮސްފައިވާކަމަށްވެސް ރަޙްމާން ފާހަގަކޮށްފައިވެއެވެ.
"އާޝާ ފޯއެވަރ" ގެ ނަމުގައި ތައްޔާރުކުރާ މި ޚާއްޞަ މިއުޒިކް ވީޑިއޯގެ މަސައްކަތް ރަޙްމާން ފެށީ އާޝާ ދުނިޔޭގައި ހުރިއިރު އޭނާއަށް މި ވީޑިއޯ ޚާއްޞަކުރުމުގެ މަގުސަދުގައެވެ.
ނަމަވެސް މިއަހަރުގެ އޭޕްރީލް މަހު އުމުރުން 92 އަހަރުގައި އޭނާ މަރުވުމާއި ގުޅިގެން، ރަޙްމާން ނިންމީ މިއީ އާޝާގެ ފުރިހަމަ މިއުޒިކީ ހަޔާތުގެ ހަނދާނުގައި ދެވޭ ޓްރިބިއުޓެއްގެ ގޮތުގައި ކުރިއަށްގެންދިއުމަށެވެ. މި ވީޑިއޯގެ ޓީޒާއެއް ޖޫން މަހުގެ ތެރޭގައި ވަނީ އާންމުކޮށްފައެވެ.
މި ވީޑިއޯގައި ސަލްމާން ޚާންގެ އިތުރުން ބޮލީވުޑްގެ ރަސްގެފާނު ޝާހްރުކް ޚާން އާއި ސައުތު ސިނަމާގެ މަޝްހޫރު ތަރި އެއް ވެސް ފެނިގެންދާނެކަން ރަޙްމާން ވަނީ މީގެ ކުރިން ހާމަކޮށް، އެތަރިންނަށްވެސް ޝުކުރު އަދާކޮށްފައެވެ.










%20(1).jpeg?w=3840&q=75)

