
މައްކާ ޤުރްއާން މުބާރާތަކުން ރާއްޖޭގެ ދަރިވަރަކު 4 ވަނަ ހޯދައިފިއެވެ.
ސަޢޫދީ ޢަރަބިއްޔާގެ މައްކާގައި ބޭއްވި ދުނިޔޭގެ އެންމެ ބޮޑު ޤުރްއާން ހިތުން ކިޔެވުމުގެ ބައިނަލްއަޤްވާމީ މުބާރާތުން ދިވެހިރާއްޖެ ތަމްސީލުކޮށް، މުޅި ޤުރުއާން ހިތުން ކިޔެވުމުގެ ގޮފިން މި ވަނަ ހޯދީ މއ. އަސާސް، އަލްޙާފިޒާ ފާޠިމަތު ޝާޔާ ޒާހިރުއެވެ.
އޭނާ އަށް އިނާމެއްގެ ގޮތުގައި 170،000 (އެއްލައްކަ ހަތްދިހަ ހާސް) ސަޢޫދީ ރިޔާލް ވަނީ ދީފައެވެ. 133 ޤައުމަކުން ބައިވެރިވި މި މުބާރާތަކީ 46 އަހަރުވަންދެން މެދުކެނޑުމެއްނެތި ބާއްވަމުން އަންނަ އެންމެ ޝަރަފުވެރި ޤުރުއާން މުބާރާތެވެ.
މިއީ މި މުބާރާތުގެ 46 ވަނަ ދައުރު ކަމަށްވާއިރު، މުބާރާތުގެ ތާރީޚުގައި އަންހެން ކުދިންނަށް ބައިވެރިވުމުގެ ފުރުޞަތު ދީ، އަންހެން ކުދިންގެ ގޮފެއް ހުޅުވާލި ފުރަތަމަ ފަހަރުވެސް މެއެވެ. މި މުބާރާތުގެ ނަތީޖާ ފާޅުކުރުމަށްޓަކައި މައްކާގެ ޙަރަމްފުޅުގައި ޚާއްޞަ ޙަފްލާއެއް ބާއްވާފައިވެއެވެ. މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ މައްކާގެ އަމީރުގެ ނައިބު، ހިޒް ރޯޔަލް ހައިނަސް ޕްރިންސް ސުޢޫދު ބިން މިޝްޢަލް ބިން ޢަބްދުލްޢަޒީޒެވެ.
މީގެއިތުރުން، ސަޢޫދީ އިސްލާމިކް މިނިސްޓަރާއި ޙަރަމްފުޅުގެ އިމާމު ޝައިޚު ޑރ. ޢަބްދުއްރަޙްމާނުއް ސުދައިސް ވެސް މި ޙަފްލާގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މުބާރާތުގެ ތެރެއިން ސަޢޫދީ އިސްލާމިކް މިނިސްޓަރު ޑރ. ޢަބްދުއްލަޠީފް އާލުއްޝައިޚު ވަނީ ޝާޔާއާއި އޭނާގެ ބެލެނިވެރިންގެ އަރިހަށް ވަޑައިގެން، އެ ކާމިޔާބީއަށް ތަހުނިޔާ ދަންނަވައި ހިތްވަރު ދެއްވާފައެވެ.
މި މުބާރާތުން ދިވެހިރާއްޖެ ތަމްސީލުކުރި ބައިވެރިއަކު މިފަދަ ބޮޑު ވަނައެއް ހާޞިލްކުރުމަކީ މުޅި ރާއްޖެއަށް ލިބުނު ބޮޑު ޝަރަފެކެވެ.
.jpeg?w=3840&q=75)



.jpeg?w=3840&q=75)





