
ޅ. ހިންނަވަރު
ޅ. ހިންނަވަރުގެ ރަށްވެހިކަން ދޫކޮށްލާނަމަ 2000 ރުފިޔާގެ ފީއެއް ނަގަން ހިންނަވަރު ކައުންސިލުން ނިންމައިފި އެވެ.
ހިންނަވަރު ކައުންސިލުން މިއަދު ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ރަށްވެހިކަން ދޫކޮށްލާ މީހުންގެ އަތުން ފީއެއް ނަގަން ނިންމީ، ހިންނަވަރުގެ ރަށްވެހިކަން ދޫކޮށް އެހެން ރަށްރަށަށް ބަދަލުވުމަކީ ހިންނަވަރުގެ އާބާދީގެ އަދަދަށް ނުރަނގަޅު އަސަރުކުރާ ކަމެއްކަމަށް ފާހަގަ ކުރެވޭތީއާއި ހިންނަވަރުގެ އާބާދީ އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުން ކަމަށެވެ.
ހިންނަވަރު ކައުންސިލުން އާއްމުކޮށްފައިވާ އިއުލާނަށް ބަލާއިރު، މި ފީ ނަގަން ނިންމި ނިންމުމަށް އަމަލުކުރަން ފަށާނީ ސެޕްޓެމްބަރު 1 ވަނަ ދުވަހުންފެށިގެންނެވެ.
ހިންނަވަރުގެ މިހާރު ދިރިއުޅޭ އާބާދީ އަކީ 2،000 އެވެ.
ހިންނަވަރު ކައުންސިލުން މިފަދަ ނިންމުމެއް ނިންމި އިރު، ތިނަދޫ ސިޓީ ކައުންސިލުންވެސް އަންނަނީ އެ ރަށުގެ ރަށްވެހިކަން ދޫކުރާ މީހުންގެ އަތުން 5000 ރުފިޔާގެ ފީއެއް ނަގަމުންނެވެ.












