
-
ރަޝިއާ އާއި ދިވެހިރާއްޖެއާ ދެމެދު ވައިގެ ދަތުރު އިތުރުކުރުމަށް މަޝްވަރާކޮށްފި އެވެ.
މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން މިހާރު ރަޝިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން، ވެރިރަށް މޮސްކޯގައި، ރަޝިޔާގެ ފެޑެރޭޝަންގެ ސްޓޭޓް ސެކްރެޓަރީ އޮފް ޓްރާންސްޕޯޓް ޑިމިޓްރީ ޒްވެރެވްއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަކުކުރެއްވުމުގައި ދަތުރުފަތުރުގެ ދާއިރާއިން ދެގައުމުގެ ދެމެދުގައި ގުޅުން އިތުރަށް ބަދަހި ކުރުމާއި، ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވައިގެ ދަތުރުތައް އިތުރުކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ.
މި މަޝްވަރާ ބައްދަލުވުމަށްފަހު ވަޒީރު މުހައްމަދު އަމީން ވިދާޅުވީ، ރަޝިއާއިން ރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކުން ކުރާ ދަތުރުތައް އިތުރުކުރެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމަށް ވަޒީރު ފާހަގަކުރެއްވި އެވެ.
ރަޝިޔާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ އެއް ގައުމަށްވާއިރު، އިތުރު އެއާލައިންތަކުން ދަތުރުތައް ފެށުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، ދެގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ.












