
ދިވެހިރާއްޖޭގައި ސައިޓޯޓޮކްސިކް ކުނި ނުވަތަ ސިއްހީ ގޮތުން އުފެދޭ ނުރައްކާތެރި ކުނި ރައްކާތެރިކަމާއެކު މެނޭޖުކުރުމަށްޓަކައި މުހިންމު ފިޔަވަޅެއް އަޅައިފިއެވެ.
މި މަސައްކަތުގެ ދަށުން، މިފަދަ ކުނި ނައްތާލުމާއި ރައްކާކުރާނެ ޚާއްޞަ ފެސިލިޓީއެއް ޤާއިމުކޮށް ހިންގުމަށްޓަކައި، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އާއި، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ ދެމެދު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.
މި ފެސިލިޓީ ޤާއިމުކުރެވުމުން، ޚާއްޞަކޮށް ކެންސަރު ބައްޔަށް ދެވޭ ފަރުވާއެއް ކަމަށްވާ ކީމޯތެރަޕީގެ ޚިދުމަތްތަކުން އުފެދޭ ނުރައްކާތެރި ކުނި އެކަށީގެންވާ ގޮތެއްގައި މެނޭޖުކުރުމަށް ރާއްޖެއަށް ފުރިހަމަ ހައްލެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި ނިޒާމުގެ ސަބަބުން ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި، ކުނި އުކާލުމުގައި ހަރަކާތްތެރިވާ މުވައްޒަފުންނާއި، އާންމު ރައްޔިތުން އަދި ރާއްޖޭގެ ނާޒުކު ތިމާވެށި، ސައިޓޯޓޮކްސިކް ކުނީގެ ސަބަބުން ކުރިމަތިވެދާނެ ސިއްހީ އަދި ތިމާވެށީގެ ނުރައްކާތަކުން ރައްކާތެރިކޮށްދިނުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.
މި މުހިންމު މަސައްކަތަކީ 'ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ' (ޖީ.އީ.އެފް) ގެ މާލީ އެހީތެރިކަމާއެކު، 'ރިވިއު އެންޑް އަޕްޑޭޓް އޮފް ދަ ނޭޝަނަލް އިމްޕްލިމެންޓޭޝަން ޕްލޭން ފޯ ދަ ސްޓޮކްހޯމް ކޮންވެންޝަން އޮން ޕާސިސްޓަންޓް އޯގަނިކް ޕޮލިއުޓަންޓްސް އިން މޯލްޑިވްސް' މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ. އަދި މި މަސައްކަތް ފުރިހަމަކުރުމުގައި 'އެލިމިނޭޓިންގް ޕީ.އޯ.ޕީސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް' މަޝްރޫއުގެ ފަރާތުން ފަންނީ އެހީތެރިކަން ވެސް ފޯރުކޮށްދެމުންދާ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން މަޢުލޫމާތުދެއެވެ.
މި އެއްބަސްވުމަކީ ރާއްޖޭގެ ސިއްހީ ނިޒާމާއި ކުނި މެނޭޖުކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ހިމާޔަތްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.














