
-
ޑާކް ރެއިން އެންޓަޓެއިންމަންޓުގެ ފިލްމެއް ބަލަން އޮލިމްޕަހަށް ވަންނަން ވާނީ، ގޮނޑީގައި ހަމަޖެހިލައިގެން އިނދެ ހީލާ މަޖާކޮށްލުމުގެ ނިޔަތުގައެވެ. ޓިކެޓް ގަނެގެން ވަންނައިރު މިއީ އަޅުގަނޑުމެން ހިތުގެ އަޑިން ގަބޫލުކޮށްގެން ތިބޭ އަސާސީ ގަވާއިދެކެވެ. އެކަމަކު، ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) މި ފަހަރު މި އޮތީ އެ ގަވާއިދު މުޅިން މުގުރާލައި، ސީރިއަސް މައުޟޫއަކަށް އަޅުގަނޑުމެންގެ ލޮލުން ކަރުނަ ހިލުވާލާފައެވެ. އާދައިގެ ލޯބީގެ ވާހަކަތަކުން ނުކުމެ، ޗިއްޕެ ގެނެސްދިން "ޖަންނަތު" އަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ސިހުމެކެވެ. ރަނގަޅު މާނައިގައެވެ. އެހެންކަމުން، މިއީ ހަމަ ހަގީގަތުގައި ވެސް އަޅުގަނޑު ކުރާ ތައުރީފެކެވެ.
ފިލްމުގެ އެންމެ ބޮޑު ޖާދޫއަކީ އޭގެ އެކްޓަރުންނެވެ. ޚާއްސަކޮށް ޖިބްރާންގެ ރޯލުން ފެނިގެންދާ ޝަރަފް އަބްދުﷲ އެވެ. އޯޓިޒަމް ހުންނަ މީހެއްގެ އިހުސާސްތައް އެއްވެސް އުނިކަމެއް ނެތި އޭނާ ވަނީ ސްކްރީނަށް އޮއްސާލާފައެވެ. ފިލްމު ފެށޭއިރު، ލޯބި ހާމަކުރުމުގެ ގޮތުން ދަރިފުޅަށް ހަމައެކަނި އިނގިލި ދިއްކޮށްލާ މަންޒަރުން ފެށިގެން ގޮސް، ނިމުމާ ހަމައަށް ޖިބްރާންގެ މިޒާޖަށް އަންނަ ބަދަލުތައް ހަމަ އާދަޔާޚިލާފެވެ. ފަހުކޮޅު، ދަރިފުޅު ޖަންނަތުގެ ގައިގައި ބައްދާލައި އޭނާ ދޭ އިޖާބައަކީ، ގައިން ހީބިހި ނަގައިގެންދާނެހާ އަސަރުގަދަ މަންޒަރެކެވެ. އަދި ބައްޕަގެ ހާލަތު ފުރިހަމައަށް ދަނެގަނެގެން އުޅޭ ކުޑަކުޑަ ޖަންނަތުގެ މައުސޫމްކަމަކީ ވެސް ހިތްތައް ފަތަހަކުރާނެ ކަމެކެވެ.
ދެން އޮތީ ސަޕޯޓިން ކާސްޓުންގެ ވާހަކައެވެ. މި ފިލްމުގެ އެންމެ ވަރުގަދަ އެއް ތަނބަކީ ޖިބްރާންގެ ބައްޕަ، ޒަރީރުގެ ރޯލުން ފެނިގެންދިޔަ މުހައްމަދު އަފްރާހެވެ. ފިލްމީ ދާއިރާގައި އަފްރާހު ހޭދަކުރި މާޒީގެ ފުރިހަމަ ތަޖުރިބާ މި ފިލްމުން ފެނިއްޖެއެވެ. އޭނާގެ ކެރެކްޓާގެ ތެރެއަށް ވަދެފައިވާ ފުރިހަމަކަމަކީ، ސްކްރީނުން ފެންނަ ކޮންމެ ފަހަރަކު ފިލްމުގެ އޮށްޓަރު ވަރުގަދަކޮށްލާ ކަމެކެވެ.
ހަމައެއާއެކު، އަމީނަތު ޝުހާ (ރީނާ) ގެ ފަރާތުން ފެނިގެންދިޔަ އެކްޓިންއަކީ ވެސް ފިލްމުގެ މުހިންމު ބައެކެވެ. މިއީ އާއިދާ (މޫނިސާ) ގެ ފުރަތަމަ ފިލްމަށް ވިޔަސް، އޭނާ ވަނީ ވަރަށް ރަނގަޅަށް އެ ރޯލު ކުޅެލާފައެވެ. އަދި އަންޖީ (ރާނިޔާ) ގެ އެކްޓިން ވެސް ހަމަ އެހާ ރަނގަޅެވެ.
ޒަރީރުގެ ވަކީލެއްގެ ރޯލުން ފެނިގެންދިޔަ ޔާދާ (ޝައިސްތާ) އަށް ބަލާއިރު، އޭނާ އެ ރޯލަށް ވަރަށް ބޮޑަށް ތައްޔާރުވެ ދިރާސާކޮށްފައިވާކަން ސްކްރީނުން ފެނެއެވެ. ވަކީލެއްގެ ކިބައިގައި ހުންނަންޖެހޭ ސާބިތުކަމާއި އިތުބާރު ދައްކަން އޭނާ ކުރި މަސައްކަތް އަދިވެސް ތަންކޮޅެއް ފުރިހަމަކޮށްލެވިދާނެހެން ހީވި ނަމަވެސް، އެ ކެރެކްޓާއިން ފެނުނު މަޑުމައިތިރިކަމާއި އޯގާތެރިގޮތްގަނޑު ވަރަށް ކަމުދިޔައެވެ. ހަމައެއާއެކު، ކުދިކުދި ރޯލުތަކުން ފެނުނު އެހެން ތަރިން ވެސް ފިލްމުގެ ވާހަކައަށް ފުން އަސަރުތަކެއް ކުރުވައި، މުޅި ފިލްމަށް ފުރިހަމަކަމެއް ގެނެސްދިނެވެ.
އެކްޓަރުންގެ ހުނަރާ އެއްވަރަށް ދެން އެންމެ ބޮޑަށް ތައުރީފު ހައްގުވަނީ ފިލްމުގެ ސިނަމެޓޯގްރަފީއަށެވެ. އަހުމަދު ޒިފާފްގެ ކެމެރާގެ ލެންސުން އޮލިމްޕަހުގެ ރިހި ސްކްރީނަށް މި ފިލްމުގެ މަންޒަރުތައް ގެނެސްދީފައިވަނީ ހުވަފެނެއްގައި ވެސް އުންމީދު ނުކުރާހާ ފުރިހަމަކޮށެވެ. ޚާއްސަކޮށް ޖިބްރާންގެ އެކަނިވެރިކަމާއި އޭނާގެ ހިމޭން ދުނިޔެ ބެލުންތެރިންނަށް އިހުސާސްކޮށްދިނުމަށް ނަގާފައިވާ ކްލޯޒް-އަޕް ޝޮޓްތަކާއި ލައިޓިންގ ބޭނުންކޮށްފައިވާ ގޮތަކީ ފިލްމުގެ މޫޑު އެއްކޮށް ބަދަލުކޮށްލި ކަމެކެވެ. މީގެ އިތުރުން މުޅި ކްރޫ ގޮވައިގެން، އޯޓިޒަމް ފަދަ ނާޒުކު މައުޟޫއަކަށް މިހާ އޮމާން ފިލްމެއް ގެނެސްދިނުމަކީ ޑައިރެކްޓަރެއްގެ ގޮތުގައި ޗިއްޕެ އެކަނިމާއެކަނި ވެސް މުޅި އިންޑަސްޓްރީއާ ވާދަކޮށްލެވޭނެކަން ސާބިތުކޮށްދިން ކަމެކެވެ.
ފިލްމުގެ ކޯޓު މަންޒަރުތަކަށް ޖެހިލާއިރު، މިއީ ހަމަ ނޭވާ ހިފަހައްޓާލަންޖެހޭ ފަދަ މަންޒަރުތަކެކެވެ. މި މަންޒަރުތަކުން މުޅި އޯޑިއަންސް ކޮންޓްރޯލް ކުރީ ޖިބްރާންގެ ހަޔާތާއި ވަރަށް ބޮޑު ގުޅުމެއް އޮންނަ ރޯލަކުން ފެނުނު ކޮޕީ އިއްސެއެވެ. އޭނާ ކުޅެފައިވާ ނެގަޓިވް ރޯލުގެ ފުރިހަމަކަމަކީ، ކޯޓުގައި އޭނާ ބުނެލާ ކުދިކުދި ބަސްތަކުންނާއި މަލާމާތުގެ ރާގުން، ބެލުންތެރިންގެ ލޭ ކައްކުވާލާ ކަމެވެ. ބައެއް ފަހަރު ހީވަނީ އަމިއްލައަށް ގޮސް އޭނާއާ ދެކޮޅަށް ކޯޓުގައި ވަކާލާތުކުރަން އިނދެވޭހެނެވެ.
މި މަންޒަރުތަކުގެ ފޯރި އިތުރަށް ގަދަކޮށްދިނީ ފިލްމުގެ މޮޅު ބެކްގްރައުންޑް މިއުޒިކް އިންނެވެ. ހިތްތަކާ ކުޅެލާފަދަ މިއުޒިކެއް ނެތް ނަމަ، މި މަންޒަރުތަކުގެ އަސަރު މިހާ ފުން ނުވީހެވެ.
އެކަމަކު، ކޯޓު މަންޒަރުތަކަށް މާބޮޑަށް ވަގުތު ދެވުމުގެ ސަބަބުން، އެ މަންޒަރުތައް ތަންކޮޅެއް ދިގުކަމަށް އިހުސާސްކުރެވުނެވެ.
ފިލްމުގެ ލަވަ "ތީ މި ހިތުގެ ވިންދަކީ" ގެނެސްދީފައި އޮތީ ހަމަ އެންމެ ފުރިހަމަ ވަގުތުގައެވެ. ޖިބްރާންއަކީ ގިނައިން ވާހަކަދައްކާ މީހަކަށް ނުވާއިރު، އޭނާއާއި ރީނާގެ ގުޅުން ފެށިގެން އައި ގޮތް، ބަހަކާ ނުލައި މިއުޒިކްގެ ޒަރީއާއިން ކިޔައިދިން ގޮތް ވަރަށް ވެސް ހިތްގައިމެވެ.
ކުރުކޮށް ބުނާނަމަ، 'ޖަންނަތު' އަކީ ހަމައެކަނި ފިލްމެއް ނޫނެވެ. މިއީ މުޖުތަމައުގައި އޯޓިޒަމް ހުންނަ ފަރާތްތަކާމެދު ދެކޭ ގޮތް ބަދަލުކޮށް، ހޭލުންތެރިކަން އިތުރުކުރުމަށް ދިވެހި ސިނަމާއިން ކުރި ވަރަށް މުހިންމު މަސައްކަތެކެވެ. މި ފެންވަރުގެ ފިލްމުތައް ހިފެހެއްޓުމެއް ނެތި އަޅުގަނޑުމެންނާ ހަމައަށް ގެނެސްދޭކަމަށްޓަކައި ދިވެހި ފިލްމީ ދާއިރާއަށް ޝުކުރު ސަނާ ވެސް ކިޔަން ޖެހެއެވެ.
ވަރަށް ފުރިހަމަ ރިވިއުއެއް 👏🏻
މި ފިލްމު ނުބަލައެއް ނެއް ވާކަށް
މި ފިލްމު ބަލާފަ ހަމަ ހިތް ފފފ ފަޅައިގެން ދިޔައީ🥲










.jpeg?w=3840&q=75)

