
މާޒިޔާ އާއި ރެގާރު ވާދަކުރި މެޗުގެ ތެރެއިން..
އޭއެފްސީ ޗެލެންޖް ލީގު ޕްރިލިމިނަރީ ކޮލިފައިން ބުރުގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބާއި ތަޖިކިސްތާންގެ ރެގާރު ޓަޑާޒުން ވާދަކުރި މެޗު ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ރެގާރު ޓަޑާޒުން މުބާރާތުގެ ގުރޫޕް ސްޓޭޖުން ޖާގަ ހޯދައިފިއެވެ.
މި މެޗު ފުރަތަމަ ކުޅެން ތާވަލުކުރެވިފައި އޮތީ އިއްޔެ ހަވީރަށެވެ. ނަމަވެސް، ރެގާރު އަށް މާލެ އައުމަށް ދަތުރު ކުރުމުގައި ދިމާވި މައްސަލައެއްގެ ސަބަބުން، އެ ޓީމުން އޭއެފްސީގައި އެދުނުގޮތަށް، މިއަދު ހަވީރަށް މެޗު ފަސްކުރަން ނިންމީ އެވެ.
ރެގާރުން މިމުބާރާތް ތިންފަހަރު ކާމިޔާބުކޮށްފައިވާއިރު، މާޒިޔާ އިން މިމުބާރާތުގައި ކުޅުނު ފުރަތަމަ އަހަރު ގްރޫޕް ސްޓޭޖުގައި ކުޅުނެވެ. ނަމަވެސް، އޭގެ ފަހުން ކުޅުނު ދެ ފަހަރު ވެސް އެޓީމު ވަނީ ޕްރިލިމިނަރީ ކޮލިފައިން ބުރުން ކަޓާފައެވެ.
އެގޮތުން މިދިޔަ އަހަރު މިމުބާރާތުގެ ޕްރިލިމިނަރީ ކޮލިފައިން ބުރުގައި މާޒިޔާ ބަލިވީ ކުވެއިތުގެ އަލް އަރާބީ އަތުން 4-0 ގެ ނަތީޖާއަކުންނެވެ. އަދި އަލް އަރާބީ އަތުން މިދިޔަ އަހަރުގެ ޗެލެންޖް ލީގުގައި ރެގާރު ވެސް ވަނީ ބަލިވެފަ އެވެ.
ގަލޮޅު ދަނޑުގައި މިއަދު ކުޅުނު މެޗުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެމިގެންދިޔައިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ރެގާރުން ވަނީ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 50 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޕަންޒިއޭވް އޮޒޯޑްބެކް އެވެ.
ރެގާރުން ލީޑު ފުޅާކުރި ލަނޑު މެޗުގެ 88 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގަައި ކުޅެންނިކުތް ޝެރްޒޯދް މަހްމަދިއެވް ކާމިޔާބުކުރިއިރު، އެޓީމުގެ ތިންވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ސަފަރޯވް އަމިރުދްޒޯން އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ރެގާރު ކުރީގައި އޮވެގެންނެވެ.
















