
ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި މާޒިޔާ ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: ގާފު ސްޕޯޓްސް
ކަޕްވިނާސް ކަޕް ފުޓްބޯޅަ މުބާރާތުގެ ލީގުބުރު ފަހު މެޗުގައި ނިއުރޭޑިއަންޑް ސްޕޯޓްސް ކުލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބު ވާދަކުރި މެޗު 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެއްޖެއެވެ.
ގަލޮޅު ރަސްމީ ދަނޑުގައި މިރޭ ކުޅުނު މެޗުގެ ކުރިން ވެސް މިދެޓީމަށް މުބާރާތުގެ ފައިނަލުގެ ޖާގައެއް ކަށަވަރުވެފައި އޮތުމުން މެޗަށް ނިކުތްއިރު ވެސް ދެޓީމަށް ވެސް މިމެޗުގެ މާކަބޮޑު މުހިންމުކަމެއް ނެތެވެ. އެހެންކަމުން، މިރޭގެ މެޗަށް ދެޓީމުން ވެސް ނުކުމެފައިވަނީ ބަދަލުތަކަކާއެކުގައެވެ. އެގޮތުން އާންމުކޮށް ފުރަތަމަ އެގާރައިގައި ކުޅެން ފުރުސަތު ނުލިބޭ ބައެއް ކުޅުންތެރިންނަށް ދެޓީމުން ވެސް މީރޭގެ މެޗުގެ ފުރަތަމަ އެގާރައިން ވަނީ ފުރުސަތު ދީފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސްތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައިއޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ މާޒިޔާ އިންނެވެ. މިލަނޑު ދެވަނަ ހާފުގެ 63 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މިޑްފީލްޑަރު، ކޮޑްޖޯ ގޯމޭޒް އެވެ. މިއީ އެޓީމުގެ ޑިފެންޑަރު، ނާޝިއު އަހުމަދު ޝިހާމް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ނަމަވެސް އޭގެ ނުވަ މިނެޓު ފަހުން ނިއުރޭޑިއަންޓުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނިކުތް އަހުމަދު ހުސާމް އެވެ.
މިއީ އެޓީމުގެ ޒުވާން ފޯވާޑް އީތަން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގު ބުރުގައި ކުޅުން ތިން މެޗުން މިދެޓީމަށް ވެސް ހަތް ޕޮއިންޓް ލިބިފައިވާއިރު. ލަނޑުގެ ތަފާތުން ލީގުބުރުގެ އެއްވަނަ ލިބުނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށެވެ. އަދި ދެވަނަ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބު ހޯދިއިރު، މިދެޓީމުގެ މެދުގައި ކުޅޭ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހުގެ ރޭ އެވެ.
















