
ބ. ކެންދޫ ސްކައުޓް ކޭމްޕައް ގެއްލުން ދީ، ބައެއް ތަކެތި ވަގަށް ނަގައިފިއެވެ.
ކެންދޫ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެރަށު ސްކޫލުގެ ދަރިވަރުންގެ ކުރިއެރުމަށާއި ހުނަރު ތަރައްގީ ކުރުމަށް މި މަހު ބާއްވަން ތައްޔާރުވަމުން އަންނަ ސްކައުޓް ކޭމްޕް ބޭއްވުމަށް ކެންދޫ ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ ގެމެންދޫ ތައްޔާރުކުރަމުން ދަނިކޮށް، އެ ތަނަށް ބަޔަކު ގެއްލުން ދީފައިވާ ކަމަށެވެ.
ކޭމްޕް ބޭނުމަށް ގެންގުޅުނު ގިނަ އަދަދެއްގެ ސާމާނު ވެސް ވަގަށް ނަގާފައިވާ ކަމަށާއި އެކަމަކީ ދަށުދަރަޖައިގެ އަމަލެއްކަން ފާހަގަކޮށް ކައުންސިލުގެ ބަޔާނުގައި ބުނީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި ނޫޑްލްސް ކޭހަކާއި ބިސްކޯދު ކޭހަކާއި ނަރު ފޮށިގަނޑަކާއި ސާރކިޓު ބޯޑަކާއި ސަތަރިއަކާއި ކަރަންޓު ބުރުމާއަކާއި ބެޓަރި ބުރުމާއަކާއި ސާރކިއުލާ ސޯއަކާއި ގްރޭންޑަރަކާއި ވަޅު ދިޔަ ހިއްކާ ޕަމްޕަކާއި ދެ މާކަރަކާއި ރިޗާޖަބަލް ދެ ލައިޓް ވެސް ހިމެނޭ ކަމަށް ކައުންސިލުން ބުނެއެވެ.
މީގެއިތުރުން އެއީ ކޭމްޕްގެ އިންފްރާސްޓްރަކްޗާ ބިނާކުރުމަށާއި ކުދިންގެ ސަލާމަތާއި ކާބޯތަކެތީގެ ބޭނުމަށް ގަނެފައިވާ އެއްޗެހި ކަމަށް ވެސް ކައުންސިލުން ބުނެއެވެ. އަދި ސްކޫލް ދަރިވަރުންނަށް ދިިރިއުޅުމުގެ ހުނަރުތަކާއި ބިނާކުރަނިވި އަޚުލާގު ދަސްކޮށްދިނުމަށް ރޭވި އެ ހަރަކާތަށް ހުރަސްއެޅޭ ގޮތަށް ހިންގި މި ވައްކަމުގެ ސަބަބުން ކޭމްޕްގެ އިންތިޒާމުތަކަށް ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.
ކައުންސިލުން ބުނީ މިކަން ކުރި ބަޔަކު ހޯދައި ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ފުލުހުންނާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ. އަދި މި ވައްކަމާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ އަދި ވަގަށް ނެގި ތަކެތި ބަޔަކު ނުވަތަ މީހަކު ވިއްކަން އުޅޭކަމުގެ ޝައްކެއް ކުރެވޭ ނަމަ ފުލުހުންނާއި ކައުންސިލަށް ރިޕޯޓްކުރުމަށް ކެންދޫ ކައުންސިލުން ވަނީ އެދިފައެވެ.
ދަރިވަރުންގެ ސްކައުޓް ކޭމްޕް ކުރިއަށް ގެންދިއުމަށް ވީހާ ވެސް ގިނަ ބައެއްގެ އެހީތެރިކަމާއި އެއްބާރުލުން މިވަގުތު ބޭނުންވާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.












