
190663_895693b7-6_
ކޮވިޑް ވެކްސިން ފޯރުކޮށްދިނުމުގައި ރާއްޖެއިން ވަނީ އެހެން ޤައުމުތަކަށް ނަމޫނާ ދައްކާފައިކަމަށް ސައުތު އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަން (ސާކް)ގެ 14 ވަނަ ސެކްރެޓަރީ ޖެނެރަލް ހިޒް އެކްސެލެންސީ އެސަލަ ރުވަން ވީރަކޫން ވިދާޅުވެއްޖެއެވެ.
ސެކްރެޓަރީ ޖެނެރަލް، އެސަލަ ރުވަން ވީރަކޫން މިހެން ވިދާޅުވީ، މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހް އާއެކު މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
މިއަދުގެ ބައްދަލުކޮށްލެއްވުމުގައި އެބޭފުޅާވަނީ ރާއްޖެއިން ކުރިއަށްގެންދާ ކޮވިޑް-19 ގެ ވެކްސިން ދިނުމުގެ ޕްރޮގްރާމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވައި ރާއްޖެއިން ވެކްސިން ފޯރުކޮށްދިނުމުގައި އެހެން ޤައުމުތަކަށް ނަމޫނާ ދައްކާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އިއްޔެ ސާފް ޗެމްޕިއަންޝިޕް 2021 ގައި ރާއްޖެ އާއި ސްރީލަންކާ ބައްދަލުކުރި މެޗުން ރާއްޖެ ހޯދި ކާމިޔާބީއަށް މަރުޙަބާ ދަންނަވާފައެވެ. އަދި އެބޭފުޅާ ވަނީ ސާފް ޗެމްޕިއަންޝިޕް 2021 ގައި ރާއްޖެ ޓީމުގެ ކުޅުން ފާހަގަކުރައްވާ ތަޢުރީފުކުރައްވާފައެވެ. ހަމައެއާކު އެމަނިކުފާނަށް ރާއްޖެއިން ހޫނު މަރުޙަބާއެއް ދެންނެވުމުން އެކަމަށްޓަކައިވެސް ވަނީ ޝުކުރުއަދާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ (ސާކް)ގެ 14 ވަނަ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އެސަލަ ރުވަން ވީރަކޫން، އިންތިޙާބުވުމާ ގުޅިގެން އެކަމަށްޓަކައި މަރުޙަބާ ދަންނަވާފައެވެ. އަދި އެމަނިކުފާނު ވަނީ ސާކުގެ ފަރާތުން ކޮވިޑް-19 ޙާލަތުގައި ސަރަޙައްދީ ޤައުމުތަކަށް އެހީތެރިވުމަށް ކުރަމުންދާ މަސައްކަތްޕުޅުތަކާއި، މެންބަރު ޤައުމުތަކުގެ މެދުގައި ގުޅުން ހަރުދަނާ ކުރުމަށް އަދާކުރަމުންދާ މުހިންމު ދައުރު ފާހަގަކުރައްވާފައެވެ. ހަމަ އެއާއެކު އެމަނިކުފާނު ވަނީ ދިވެހިރާއްޖެއިން އަބަދުވެސް (ސާކް) އާއި ގުޅުން ދެމެހެއްޓުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން އަރުވާފައެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސާކް އާއި ގުޅިގެން ޓެރެރިޒަމް ހުއްޓުވުމަށް މަސައްކަތް ކުރެއްވުމަށާއި، އަންހެންނަށާއި އަންހެން ކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް މަސައްކަތްކުރެއްވުމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ. އަދި ސާކްގެ މެންބަރު ޤައުމުތަކުން ގުޅިގެން އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރުން މުހިންމުކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ. މީގެ އިތުރުން މެންބަރު ޤައުމުތަކުން ގުޅިގެން މޫސުމަށް އަންނަ ބަދަލުތަކުންކުރާ ނޭދެވޭ އަސަރުކުޑަކުރުމަށް މަސައްކަތްކުރުމަށްވެސް އެމަނިކުފާނު ބާރުއެޅުއްވެވިއެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ އާއި ސާކްގެ 14 ވަނަ ސެކްރެޓަރީ ޖެނެރަލް، ވަނީ މިހާރު އޮތް ގުޅުން އިތުރަށް ހަރުދަނާކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން އަރުވާފައެވެ. އަދި ދެފަރާތައްވެސް ފައިދާވާނެ ކަންކަމުގައި ގުޅިގެން މަސައްކަތްކޮށް ނަތިޖާ ނެރުމަށް އަޒުމުއާކުރައްވާފައެވެ.














