
-
އޭވިއޭޝަން އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (އެއިމް) ގެ ސަބަބުން އޭވިއޭޝަންގެ ދާއިރާއަށް ބޭނުންވާ ގާބިލު މީހުން ބިނާކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަލުވިވެގެންދާނެ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ ހުޅުލޭ އައިލެންޑް ހޮޓެލްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، އޭވިއޭޝަން އިންސްޓިޓިއުޓް ރަސްމީކޮށް އިފްތިތާހުކުރުމާއި، އެ އިންސްޓިޓިއުޓްގެ ފުރަތަމަ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވި ގޮތުގައި، އެމްއޭސީއެލްގެ ކުރިއެރުން ބިނާވެފައިވަނީ މެދުކެނޑުމެއްނެތި ތަރައްގީވަމުން އަންނަ، ގާބިލު މަސައްކަތްތެރި މުވައްޒަފުންގެ މައްޗަށެވެ.
އަދި އަލަށް ހުޅުވުނު މި އިންސްޓިޓިއުޓްގެ މައިގަނޑު މަގުސަދަކީ އެމްއޭސީއެލްގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ފޯރުކޮށްދިނުމާއި، ހަރުދަނާ އޮނިގަނޑެއްގެ ތެރެއިން ސަނަދު ހާސިލުކޮށް ވަޒީފާގެ ކުރިއެރުން ހޯދައިދިނުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތަކީ އޭވިއޭޝަން އިންސްޓިޓިއުޓްގެ ފުރަތަމަ ދަސްވެނިވުން ކަމަށްވާއިރު، މި ހަފްލާގައި ސެޓްފިކެޓް ލެވެލް ތިނަކުން އެއަރޕޯޓް ސެކިއުރިޓީ މެނޭޖްމަންޓް ފުރިހަމަކުރި ނަވާވީސް ދަރިވަރަކު ވަނީ ދަސްވެނިވެފައެވެ. ރަސްމިއްޔާތު ނިންމަވާލައްވަމުން ސީއީއޯ ޝަރީފް ވަނީ ދަސްވެނިވި ހުރިހާ ދަރިވަރުންނަށް މަރުހަބާ ދަންނަވައިފައެވެ. އަދި އެމްއޭސީއެލްގެ އެންމެހައި މުވައްޒަފުންވެސް މި އިންސްޓިޓިއުޓް މެދުވެރިކޮށް ތައުލީމާއި ތަމްރީނުގެ ފުރުސަތުތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް އޭނާ ވަނީ އިލްތިމާސް ކުރައްވާފައެވެ.








.jpg?w=3840&q=75)







