
-
ރާއްޖޭގެ މައި އެއާޕޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މެދުވެރިކޮށް އެއް ދުވަހުން 114 ޓަނުގެ ޓްރާންސްޝިޕްމަންޓް ކާގޯ އެކްސްޕޯޓްކޮށް، އެއާޕޯޓުގެ ވައިގެ މަގުން މުދާ އުފުލުމުގެ އޮޕަރޭޝަންތަކުން ތާރީޚީ އައު ރެކޯޑެއް ހަދައިފިއެވެ.
އެމްއޭސީއެލް އިން ހާމަކުރި ގޮތުގައި، މިމަހުގެ 12 ވަނަ ދުވަހު ހެދި މި އައު ރެކޯޑާއެކު ރާއްޖެއަކީ ސަރަޙައްދީ ފެންވަރުގައި މުހިންމު ޓްރާންސްޝިޕްމަންޓް ހަބެއްގެ ގޮތުގައި ފުޅާވަމުން އަންނަކަން ވަނީ ހާމަވެފައެވެ.
އެގޮތުން 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި އެކަނިވެސް ޖުމްލަ 7,000 ޓަނަށްވުރެ ގިނަ ޓްރާންސްޝިޕްމަންޓް ކާގޯ ވަނީ ވީއައިއޭ މެދުވެރިކޮށް އުފުލާފައެވެ.
މި އޮޕަރޭޝަންތަކުގައި އެންމެ ބޮޑު ހިއްސާއެއް ކޮށްފައިވާ އެއާލައިންތަކުގެ ތެރޭގައި ހިމެނެނީ މެދުއިރުމަތީގެ އެންމެ ބޮޑު ދެ އެއާލައިން ކަމަށްވާ އެމިރޭޓްސް އާއި ޤަތަރު އެއާވޭސްގެ އިތުރުން ތުރުކީގެ ގައުމީ އެއާލައިން ޓާކިޝް އެއާލައިންސް އަދި ޔޫރަޕުގެ ނިއޯސް އެއާގެ އިތުރުން ބްރިޓިޝް އެއާވޭސްއެވެ.
އެމްއޭސީއެލްއިން ބުނި ގޮތުގައި، ވައިގެ މަގުން ކާގޯ އުފުލުމުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، އެއާޕޯޓުގެ ވަސީލަތްތައް ޒަމާނީކުރުމަށް ކުރެވުނު މަސައްކަތްތަކާއެކު، ރާއްޖެއަކީ ބައިނަލްއަޤްވާމީ ވިޔަފާރީގެ މުހިންމު ފާލަމަކަށް ހެދުމުގެ އަމާޒަށް ބޮޑެތި ކުރިއެރުންތަކެއް އަންނަނީ ލިބެމުންނެވެ.
















.jpg?w=3840&q=75)