


.jpg?w=3840&q=75)
.jpg?w=3840&q=75)



%20(2).jpeg?w=1920&q=75)
-
ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި އިޤްޠިޞާދީ ދަތިތަކާ ގުޅިގެން ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް ބޮޑު ސިޔާސީ ކާރިސާއަކަށް ބަދަލުވުމާ ގުޅިގެން، ބޮލީވިއާގެ ރައީސް ރޮޑްރިގޯ ޕާޒް އެ ޤައުމުގައި ކުއްލި ނުރައްކަލުގެ ޙާލަތު ހޮނިހިރު ދުވަހު އިޢުލާންކުރައްވައިފިއެވެ.
މަސައްކަތްތެރިންގެ ޔޫނިއަންތަކާއި، ދަނޑުވެރިންގެ އިތުރުން ކުރީގެ ރައީސް އީވޯ މޮރާލެސްގެ ސަޕޯޓަރުން އިސްވެ ތިބެ ކުރިއަށްގެންދާ މި މުޒާހަރާތަކުގައި ދަނީ ރައީސް ޕާޒް މަޤާމުން އިސްތިއުފާ ދެއްވުމަށް ގޮވާލަމުންނެވެ. މުޒާހަރާގެ ބައިވެރިން ޤައުމުގެ މައި މަގުތައް ބަންދުކުރުމުގެ ސަބަބުން ވޭތުވެދިޔަ 50 ދުވަހުގެ ތެރޭގައި ބޮލީވިއާގެ ބައެއް ސަރަހައްދުތަކުން ކާބޯތަކެއްޗާއި، ތެލާއި، އަދި ބޭހުގެ ބާވަތްތައް ހުސްވެ، ޤައުމުގެ އިޤްޠިޞާދީ ހިންގުން ވަނީ މުޅިން ހުއްޓުމަކަށް އައިސްފައެވެ.
ޤައުމާ މުޚާޠަބުކުރައްވައި ދެއްވި ޚާއްޞަ ބަޔާނެއްގައި ރައީސް ޕާޒް ވިދާޅުވީ، ބަންދުކޮށްފައިވާ މަގުތައް ހުޅުވުމަށްޓަކައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރަން ނިންމެވީ ޤައުމުގެ ސަލާމަތަށްޓަކައި ކަމަށެވެ. އަދި ބޮލީވިއާގެ ރައްޔިތުން މަސައްކަތްކުރުމާއި، ކިޔެވުމާއި، ސިއްހީ ޚިދުމަތް ހޯދުމާއި، ކާބޯތަކެތި ހޯދައި އާއިލާތަކަށް ބޭނުންވާ ޚަރަދުތައް ބެލެހެއްޓުމަށް ހުރަސްއަޅައި ހިންގާ މަގު ބަންދުކުރުމުގެ އަމަލުތަކެއްގެ ރަހީނުންގެ ގޮތުގައި ތިބެން ބޭނުންނުވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ޕާޒް ފާހަގަކުރެއްވި ގޮތުގައި މި އެޅުނު ފިޔަވަޅާއެކު، ޤައުމުގެ އަމާންކަން ނަގާލަން އުޅޭ "ރޭވުންތެރި ޖަމާޢަތްތަކުގެ" އަނިޔާވެރިކަން ހުއްޓުވައި، ޤައުމުގެ ހަމަޖެހުން ޤާއިމުކުރުމަށް އަސްކަރިއްޔާއަށާއި ފުލުހުންނަށް ފުރިހަމަ ބާރު ލިބިގެންދާނެއެވެ.
މި މުޒާހަރާތަކުގެ ސަބަބުން ޤައުމުގެ ދަތުރުފަތުރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާއިރު، މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހު ބޮލީވިއާގެ ކޮޗަބަމްބާ ސަރަހައްދުގައި މަގުތައް ބަންދުކުރުމުގެ ސަބަބުން މަސައްކަތް ނުކުރެވި ހުއްޓިފައި ތިބި ޓްރަކް ޑްރައިވަރުންވެސް ވަނީ އެ ސަރަހައްދުގެ މަގުތައް ބްލޮކްކޮށް އިހުތިޖާޖުކޮށްފައެވެ.
މިދިޔަ މަހުގެ ތެރޭގައި ރައީސް ޕާޒް ވަނީ ޤައުމުގެ އެތެރޭގެ ހަމަނުޖެހުންތަކާއި ކޮންފްލިކްޓްތަކަށް އަސްކަރިއްޔާއިން ސީދާ ގޮތެއްގައި ތަދައްޚުލްވުމުގެ ހުއްދަދޭ ޚާއްޞަ ޤާނޫނެއްގައި ސޮއިކުރައްވާފައެވެ. އެހެންނަމަވެސް، އޭނާ މީގެ ކުރިން ވިދާޅުވަމުން ގެންދެވީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމަކީ މުޒާހަރާގެ ބައިވެރިންނާއެކު ކުރެވޭ މަޝްވަރާތައް މުޅިން ނާކާމިޔާބުވެއްޖެ ނަމަ، އެންމެ ފަހު ފިޔަވަޅެއްގެ ގޮތުގައި ބޭނުންކުރާނެ އިޚްތިޔާރެއް ކަމަށެވެ.



.jpg?w=3840&q=75)
.jpg?w=3840&q=75)