
-
ސްރީލަންކާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން އެ ޤައުމުގެ ކަނޑުގެ ބައެއް ސަރަޙައްދުތަކަށް ގަދަވައިގެން ބާރުގަދަ އިންޒާރަކާއި ކަނޑުގަދަވާނެކަމުގެ ރެޑް އެލާޓެއް ނެރެފިއެވެ.
މި އިންޒާރު ދަމަހައްޓާފައިވަނީ 8 ޖޫން 2026 ގެ ހެނދުނު 10:30 ގެ ނިޔަލަށެވެ.
އެހެންކަމުން އެ މުއްދަތުގައި ކަނޑުދަތުރުކުރާ ފަރާތްތަކާއި މަސްވެރިންނަށް އެ ސަރަޙައްދުތަކަށް ދަތުރު ނުކުރުމަށް ވަނީ އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ހަރުކަށިކޮށް އަންގާފައެވެ.
މެރިން މީޓިއޮރޮލޮޖިކަލް ޑިވިޜަނުން ހާމަކޮށްފައިވާ ގޮތުގައި، ކަންކަސަންތުރައި އިން ފެށިގެން މަންނާރު މަގުން ކަލްޕިޓިޔާ އާ ހަމައަށް އޮތް ކަނޑުގެ ސަރަޙައްދުތައް ބައެއް ވަގުތުތަކުގައި އާދަޔާޚިލާފަށް ގަދަވާނެއެވެ. އަދި ވައިގެ ބާރުމިން ގަޑިއަކު 60 އިން 70 ކިލޯމީޓަރަށް ބާރުވާނެ ކަމަށް ލަފާކުރެވެއެވެ.
މީގެ އިތުރުން، ޓްރިންކޮމާލީ އިން މުލައިއްތިވު މަގުން ކަންކަސަންތުރައި އާ ހަމައަށް، އަދި ކަލްޕިޓިޔާ އިން ކޮޅުނބު، ގާލް އަދި ހަންބަންތޮޓާއިން ޕޮއްޓުވިލް އާ ހަމައަށް އޮތް ކަނޑުގެ ސަރަޙައްދުތަކުގައިވެސް ގަޑިއަކު 50 އިން 60 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހި، ކަނޑުގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
އަދި އެ ސަރަޙައްދުތަކުގައި ރާޅުގެ އުސްމިން 2.0 އިން 2.5 މީޓަރަށް އުފުލުމުގެ ފުރުޞަތު އޮތްކަމަށްވެސް ވަނީ ލަފާކޮށްފައި އެވެ.
މި ހާލަތާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ވަނީ މި ސަރަޙައްދުތަކުގައި ނުރައްކަލުގެ ލެވެލް ވަރަށް މަތި ކަމަށް ކަނޑައަޅާފައެވެ. އަދި މަސްވެރިކަމުގައާއި ކަނޑުމަތީގެ އެކި ޚިދުމަތްތަކުގައި އުޅޭ ފަރާތްތަކުން ސަމާލުވެ، މޫސުމާ ބެހޭ އިދާރާއިން ނެރޭ ކުރިއަށް ހުރި އަދާހަމަތަކަށް ރަނގަޅަށް ސަމާލުކަން ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.














%20(4).jpeg?w=3840&q=75)

