


%20(3).jpeg?w=3840&q=75)




-
މެދުއިރުމަތީގައި މިހާރު ހިންގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް ކުރާ ހަރަދުތައް ކުޑަކުރުމުގެ ތެރެއިން ސަރުކާރުގެ ކުންފުނިތަކަށް ހަރަދުތައް ކުޑަކުރުމުގެ އިތުރު ފިޔަވަޅުތައް އެޅުމަށް ޕްރައިވެޓައިޒޭޝަން އެންޑު ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަންގައިފި އެވެ.
މިދިޔަ މަހު 30 ގައިވެސް ޕީސީބީން ކުންފުނިތަކަށް ފޮނުވާފައިވާ ސާކިއުލާގައި ކުންފުނިތަކާއި އެ ކުންފުނިތަކުގެ ސަބްސިޑައަރީ ކުންފުނިތަކުގެ ހަރަދުކުޑަކުރުމަށް މައިގަނޑުކޮށް ފާހަގަކޮށްފައިވަނީ ރާއްޖެއިން ބޭރަށް ކުރާ ދަތުރުތައް ފިޔަވާ ކޮންމެހެން ކުރަންޖެހޭ ދަތުރުތައް މަދުކުރުމަށެވެ.
ނަމަވެސް މިހާރުގެ ހާލަތައް ރިއާޔަތްކޮށް އިތުރު ފިޔަވަޅުތައް އެޅުމަށް ޕީސީބީން ވަނީ މިހާރު ކުންފުނިތަކަށް އަންގާފަ އެވެ.
ޕީސީބީގެ ސާކިއުލާގައި އެޅުމަށް އަންގާފައިވާ ފިޔަވަޅުތައް-
ކުންފުނިތަކަށް ކުރިން އަޅަން އަންގާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ ރަސްމީ ދަތުރުތަކުގެ ތެރެއިން ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމާއި، ބައިނަލްއަގްވާމީ ކަސްޓަމަރުންނާއި ސަޕްލަޔަރުންނާއި އޮންލައިންކޮށް ބައްދަލުކުރުމާއި، ރާއްޖެއިން ބޭރަށް ކުރާ ރަސްމީ ދަތުރުތަކުގައި ބިޒްނަސް ކްލާހުން ދަތުރު ނުކުރުމާއި، ދަތުރުގެ ހުރިހާ ހަރަދެއް ބޭރުގެ ފަރާތްތަކުން ދޭ ދަތުރުގެތަކުގައި ކުންފުނިން ކުރާ ހަރަދު ވީހާވެސް ކުޑަކުރުން އަދި ރާއްޖެއިން ބޭރަށް ކުރާ ޓްރެއިނިންގް ދަތުރުތައް މިވަގުތަށް ހުއްޓާލައި، މިފަދަ ޕްރޮގްރާމްތަކުގައި އޮންލައިންކޮށް ބައިވެރިވުން ހިމެނެ އެވެ.
މީގެއިތުރުން ފެރީގެ ހިދުމަތް ލިބޭ ސަރަހައްދުތަކުގައި ކުރަންޖެހޭ ދަތުރުތައް ފެރީ މެދުވެރިކޮށް ކުރުމާއި، ކުންފުންޏަށް ސީދާގޮތުން ފައިދާވާ ބޭރުގެ މަހާސިންތާތަކާއި، ފެއާތަކުގައި ނޫނީ ބައިވެރިނުވުން އަދި ކުންފުނި ހިންގުމުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރެވެން ހުރިނަމަ، ވީ އެންމެ ފުޅާ ދާއިރާއެއްގައި އެކަން ކުރުން އަދި ކަރަންޓުގެ ހަރަދު ކުޑަކުރުން ހިމެނޭ ކަމަށް ޕީސީބީން ވަނީ އަންގާފަ އެވެ.
ސަރުކާރުން ދަނީ ހަރަދު ކުޑަކުރުމަށް ފިޔަވަޅުތައް އަޅަމުންނެވެ. އޭގެތެރޭގައި ހިމެނެނީ މަސައްކަތްތަކުގެ ވަގުތުތައް ކުޑަކުރުމާއި، ބޭރަށް ކުރާ ދަތުރުތައް މަދުކޮށް އޮންލައިން ބައްދަލުވުންތަކަށް އިސްކަންދޭން ސަރުކާރުން ވަނީ ނިންމާފަ އެވެ.



%20(3).jpeg?w=3840&q=75)
