








-
ވަޒީފާގެ މާހައުލުގައި މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް މިންގަނޑުތައް ކަނޑައަޅާ، މިންގަނޑުތަކަށް ފެތޭ އިދާރާތަކުން 'ހަމަހަމަކަން ކަށަވަރު ނިޝާން' ނުވަތަ 'ޖެންޑަރ އީކުއަލިޓީ ސީލް' އަށް އެދި ހުށަހެޅުމުގެ ފުރުޞަތު އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
މި ނިޝާނަކީ ދައުލަތުގެ އިދާރާތަކާއި އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތަކުގައި މިންތީގެ ހަމަހަމަކަން ކަށަވަރު ކުރުމަށް ކުރާ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނާއި، މިންތީގެ ހަމަހަމަކަމަށް ބާރުއެޅުމާއި، ހަމަހަމަކަން ކަށަވަރުކުރުމަށް އިދާރާތަކަށް ހިތްވަރު ދިނުމުގެ ގޮތުން ޤައުމީ ފެންވަރުގައި ދިނުމަށް އެކުލަވާލާފައިވާ ނިޝާނެކެވެ. މި ނިޝާން ހުޅުވާލާފައިވަނީ ތިން ލެވެލްއަކަށެވެ. އެއީ ބްރޮންޒް، ސިލްވަރ އަދި ގޯލްޑް ލެވެލްއެވެ.
'ހަމަހަމަކަން ކަށަވަރު ނިޝާން' ނުވަތަ 'ޖެންޑަރ އީކުއަލިޓީ ސީލް' އަށް އެދި ހުށަހަޅާ ފަރާތްތައް ވަޒަންކުރުމުގައި މައިގަނޑު 6 ބަޔަކަށް ރިޢާޔަތްކުރެވޭނެއެވެ. އެގޮތުން
ޖެންޑަރ އީކުއަލިޓީ ސީލްއަށް އެދި ހުށަހެޅުމަށް ކޮންމެ އިދާރާއަކުންވެސް އެ އިދާރާއަކުން ހުށަހަޅަން ބޭނުންވާ ލެވެލްއެއްގެ އެސަސްމަންޓް ފޯމް ފުރިހަމަކުރުމަށްފަހު އެ ފޯމްއަކަށް މަދުވެގެން 50 އިންސައްތަ މާކްސް ލިބޭކަމަށްވާނަމަ އެލެވެލްއަކަށް ސީލްއަށް ހުށަހެޅޭނެއެވެ.
އެގޮތުން، މިއަހަރުގެ އޮކްޓޯބަރ 20 ވަނަ ދުވަހުން 21 ޑިސެމްބަރުގެ ނިޔަލަށް ސީލްއަށް އެދި ހުށަހެޅުމަށް ފުރުޞަތުވަނީ ހުޅުވާލާފައެވެ. ސީލްއަށް އެދި ހުށަހަޅާނީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ގެޒެޓުކޮށްފައިވާ ޢިއުލާނުގައި ހިމަނާފައިވާ ސެލްފް އެސަސްމަންޓް ފޯމް ފުރިހަމަކުރުމަށްފަހު ކަމާއި ގުޅުންހުރި ލިއެކިއުންތަކާއި އެކު އީމެއިލް މެދުވެރިކޮށެވެ.
ދައުލަތުގެ އިދާރާތަކާއި އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތަކުގައި މިންތީގެ ހަމަހަމަކަމަށް ބާރު އެޅުމުގެ ގޮތުން، ޤައުމީ ފެންވަރުގައި "ހަމަހަމަކަން ކަށަވަރު" ނިޝާން ތަޢާރަފުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވާފައިވަނީ 24 ޑިސެންބަރު 2023 ގައި ބޭއްވުނު ވަޒީރުންގެ މަޖިލީހުގައެވެ. އެގޮތުން، މި ނިޝާނަކީ ޤާނޫނު ނަންބަރު 2016/18، ޖެންޑަރ އީކުއަލިޓީ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭންގައިވާ އިދާރާތަކުން ކުރާ މަސައްކަތް މެއިންސްޓްރީމްކުރުމަށް އެޅޭ މުޙިއްމު ފިޔަވަޅަކަށް ވެގެންދާނެއެވެ.








