






-
ވ. ފުލިދޫ ޞިއްޙީ މަރުކަޒުގެ އަލަށް ހަދާ އިމާރާތުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހެލްތު ޢަބްދުالله ނާޡިމް އިބްރާހީމް އެވެ.
މި ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ، ޑީސީޕީ (ރިޓަޔަރޑް) އަޙުމަދު ސަޢުދީއާއި ފުލިދޫ ކައުންސިލްގެ ރައީސާއި މެންބަރުން އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި މަޝްރޫޢުގެ ދަށުން އައު ސިއްހީ މަރުކަޒުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ 15,650 އަކަފޫޓުގެ ސަރަޙައްދެއްގައި އެވެ. މީގެ އިތުރުން ބިންގަނޑު ކޮނުމާއި މޭޝަނަރީ އަދި ކޮންކްރީޓް މަސައްކަތް ކުރުމާއި ޓައިލްސް ޖެހުމާއި ދޮރާއި ކުޑަދޮރު ހަރުކުރުމާއި ދަވާދު ލުމާއި ދަގަނޑު މަސައްކަތްތަކާއި ހައިޑްރޯލިކްސް އަދި ޑްރެއިނޭޖް މަސައްކަތާއި ކަރަންޓު ވަޔަރު ކުރުމާއި މެޑިކަލް ގޭސް ސިސްޓަމެއް ހަރުކުރުމާއި އެއަރ ކޮންޑިޝަން ސިސްޓަމެއް ހަރުކުރުމާއި އަލިފާން ނިއްވާ ނިޒާމެއް ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫޢަކީ 27 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.


