




.jpg?w=3840&q=75)



---
2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވުމަށް އެޕާޓީގެ ރިޔާސީ ޕްރައިމެރީގައި ވާދަކުރައްވާނެކަން އެޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ނިންމަވައިފި އެވެ.
މިކަން ހާމަވީ ފައްޔާޒު މިއަދު އެޕާޓީގެ ގައުމީ މަޖިލީހުގެ ގްރޫޕަށް ފޮނުއްވި މެސެޖެއްގައި އެވެ.
އެގޮތުން ޕާޓީގެ ގައުމީ މަޖިލީހުގެ ރަސްމީ ވަޓްސްއެޕު ގްރޫޕަށް ފައްޔާޒު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ 2028 ވަނަ އަހަރުގެ ރިޔާސީ ޕްރައިމެރީގައި ވާދަކުރައްވަން ނިންމަވާފައިވާ ކަމަށާއި އެންމެ ބޭފުޅުންގެ ތާއީދަށް އެދިލައްވާ ކަމަށެވެ.
ރައީސް ސޯލިހްގެ ވެރިކަމުގައި އެކޮނޮމިކް މިނިސްޓަރުކަންވެސް ކުރެއްވި ފައްޔާޒު އަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާނުކުރެއްވި އެޕާޓީގެ ލީޑަރޝިޕްގެ ފުރަތަމަ ބޭފުޅާއެވެ.
ދާދި ފަހުން ޓީވީއަކަށް ދެއްވި އިންޓަވިއުއެއްގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ އިސް އެޑްވައިޒަރު އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެޕާޓީގެ ރިޔާސީ ޕްރައިމެރީގައި ވާދަކުރައްވަން ދެތިން ބޭފުޅަކު ޝައުގުވެރިވެވަޑައިގެންފައިވާކަން އެނގިލައްވާކަން ހާމަކުރައްވާފައި އެވެ. ނަމަވެސް އެއީ ކޮން ބޭފުޅުންތަކެއް ސޯލިހް ހާމަ ނުކުރައްވައެވެ. އަދި ރިޔާސީ ޕްރައިމެރީގައި ވާދަކުރައްވާނެ ތޯ ކުރެއްވި ސުވާލަށް ރައީސް ސޯލިހް އެ އިންޓަވިއުގައި ސީދާ ޖަވާބެއް ނުދެއްވައެވެ.
އެމްޑީޕީގެ އިސް ބައެއް ފަރާތްތަކުން ބުނާގޮތުގައި އެޕާޓީގެ ރިޔާސީ ޕްރައިމެރީގައި ވާދަކުރައްވާނެ ކަމަށް ބެލެވޭ ބޭފުޅުންގެ ތެރޭގައި ޕާޓީގެ ރައީސް އަބްދުالله ޝާހިދު އާއި އެމްޑީޕީގެ މާލެ ދާއިރާގެ ރައީސް އަދި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ހިމެނިވަޑައިގަންނަވައެވެ.






.jpeg?w=3840&q=75)

