







--
މީދޫ ދާއިރާގެ މަޖިލިސް މެމްބަރު އަދި ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދުގެ އެހީގައި ބ. ކަމަދޫގެ ހުރިހާ ރައްޔިތުންނަށް އުސޫލެއްގެ ތެރެއިން ހިލޭ ބޭސްފަރުވާ ކުރެވޭނެ ގޮތް ހަމަޖައްސައިފިއެވެ.
ކަމަދޫ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ ސަން ސިޔާމް ކެއާގެ ދަށުން ރާއްޖެ އާއި ރާއްޖެ އިން ބޭރުން ކަމަދޫ ރައްޔިތުންނަށް ހިލޭ ބޭސްފަރުވާކުރެވޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން މާލީ އެހީތެރިކަން ބޭނުންވާ މީހުންނަށް ކަނޑައެޅޭ އުސޫލެއްގެ ދަށުން އެ އެހީތެރިކަން ދޭން ނިންމާފައިވާތީ ވަނީ އެހީއަށް ބޭނުންވާ މީހުން އެކަން ކައުންސިލަށް އެންގުމަށް އެދިފައިވެ އެވެ.
އަދި އެކަމަށް ޚާއްސަ ފޯމް ކައުންސިލް އިދާރާ އިން ލިބެން ހުންނާނެ ކަމަށް ވެސް އިއުލާންގައިވެއެވެ.
އެ ކައުންސިލުން ރާއްޖޭގެ ބައެއް ނޫސްތަކަށް މައުލޫމާތު ދެމުން ބުނީ އެފަދަ ފުރުސަތެއް ސިޔާމްގެ ފަރާތުން ހަމަޖެހިގެން ދިޔައީ ކައުންސިލާ އެކީ ކުރެވުނު މަޝްވަރާތަކަކަށް ފަހު ކަމަށާއި މިހާރު އެކަން ރައްޔިތުންނަށް އަންގާފައިވާ ކަމަށެވެ.
ހިލޭ އެހީ ދިނުމުގެ ޕްރޮގްރާމްގެ ދަށުން އެހީ ލިބޭނެ މިންވަރު ކަނޑައަޅާނީ ސިޔާމް ކެއާއިން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހުގައެވެ.
އެމްޑީއޭގެ ރައީސްކަންވެސް ކުރައްވާ ސިޔާމް އަކީ ސަން ސިޔާމް ކުންފުނީގެ ވެރިޔާއެވެ. އެގޮތުން އެކުންފުނިން މީގެ ކުރިންވެސް ވަނީ މިފަދަ އެހީތެރިކަން އެހެން ރަށްތަކަށްވެސް ފޯރުކޮށްދީފައި އެވެ.



