
މަދަނީ ޖަމުޢިއްޔާތަކަށް ބޮޑު ފުރުސަތެއް؛ ދެ ދާއިރާއަކުން މަޝްރޫޢު ހިންގަން އޭޑީބީގެ އެހީގައި ގްރާންޓް ޕްރޮގްރާމެއް!
# ހެލްތު މިނިސްޓްރީ-
ޞިއްހަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އާ ގުޅިގެން ކުރިއަށްގެންދާ "ސްޓްރެންތެނިންގ ޖެންޑަރ އިންކްލޫސިވް އިނިޝިއޭޓިވްސް" (އެސް.ޖީ.އައި.އައި) މަޝްރޫޢުގެ ދަށުން، ރާއްޖޭގެ މަދަނީ ޖަމުޢިއްޔާތަކަށް ޚާއްސަ ގްރާންޓް ޕްރޮގްރާމެއް ހުޅުވާލައި، ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

މި ގްރާންޓް ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ "މިންތީގެ ހަމަހަމަކަން ޤާއިމުކުރުމުގެ ޤައުމީ އެކްޝަން ޕްލޭން (2022-2026)" އާއި "އުމުރުން ދުވަސްވީ މީހުންގެ ޤައުމީ ސިޔާސަތު (2025-2028)" ގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލުކުރުމެވެ. މި ޕްރޮގްރާމްގެ ދަށުން މަދަނީ ޖަމުޢިއްޔާތަކުން އިސްނަގައިގެން ސިޓީ ނުވަތަ ރަށު ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ގުޅިގެން އައު މަޝްރޫޢުތައް ފެށުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
މި އުސޫލުގެ ދަށުން މާލީ އެހީ ދޫކުރުމަށް ހަމަޖެހިފައިވަނީ ޖަމުޢިއްޔާތަކާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓަރީވެ، އެ ޤާނޫނާއި ޤަވާއިދުތަކާ އެއްގޮތަށް ހިންގަމުންދާ މަދަނީ ޖަމުޢިއްޔާތަކަށެވެ. މީގެއިތުރުން، މި ޕްރޮގްރާމްތައް ހިންގުމުގައި މަދަނީ ޖަމުޢިއްޔާތަކަށް، ސިޓީ ނުވަތަ ރަށު ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިތުރުން އެހެނިހެން މަދަނީ ޖަމުޢިއްޔާތަކާ ގުޅިގެން ޕާޓްނަރޝިޕް އުސޫލުން ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފައެވެ. މިއީ ރަށްރަށުގައި އިޖުތިމާއީ ގޮތުން ހިންގާ ހަރަކާތްތައް މިހާރަށްވުރެ ފުޅާކޮށް، މުއައްސަސާތަކުގެ ގުޅުން ބަދަހިކުރުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.
މި އެހީ މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައިވަނީ ވަރަށް މުހިންމު ދެ ދާއިރާއަކަށެވެ. އެއީ ގެވެށި އަނިޔާއާއި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ ހުއްޓުވުމުގެ ދާއިރާއާއި، އިސްރަށްވެހިންގެ ދުޅަހެޔޮކަމާއި ލާބައަށް މަސައްކަތްކުރާ ދާއިރާއެވެ. މީގެތެރެއިން ގެވެށި އަނިޔާއާއި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ ހުއްޓުވުމުގެ ދާއިރާ ޚާއްސަކުރެވިފައިވަނީ މާލެ ސިޓީ، އައްޑޫ ސިޓީ އަދި ރ. އަތޮޅުގައި ހިންގާ މަޝްރޫޢުތަކަށެވެ. މި ދާއިރާއިން ކޮންމެ ޕްރޮޕޯސަލްއަކަށް ހިލޭ އެހީގެ ގޮތުގައި ދޫކުރާނެ އެންމެ މަތީ އަދަދަކީ 1,156,500 (އެއް މިލިއަން އެއްލައްކަ ފަންސަސް ހަ ހާސް ފަސްސަތޭކަ) ރުފިޔާއެވެ.
އަނެއް ދާއިރާ ކަމަށްވާ އިސްރަށްވެހިންގެ ދުޅަހެޔޮކަމާއި ލާބައަށް މަސައްކަތްކުރާ ދާއިރާއިން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ރާއްޖޭގެ ކޮންމެ ރަށެއްގައި މަސައްކަތްކުރާ ޖަމިއްޔާއަކަށްވެސް ވަނީ ހުޅުވާލާފައެވެ. މި ދާއިރާއިން ހިލޭ އެހީގެ ގޮތުގައި ދޫކުރާނެ އެންމެ މަތީ އަދަދެއް ކަމަށް ކަނޑައަޅާފައިވަނީ 925,000 (ނުވަލައްކަ ފަންސަވީސް ހާސް) ރުފިޔާއެވެ.
މި ގްރާންޓް ޕްރޮގްރާމަށް އެދި ފޯމާއި ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހުގެ ސުންގަޑިއަކީ ކުރިއަށް އޮތް ޖުލައި މަހުގެ 8 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14:00 ކަމަށް ޞިއްހަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ބުނެއެވެ.
ގުޅުންހުރި

މަދަނީ ޖަމުޢިއްޔާތަކަށް ބޮޑު ފުރުސަތެއް؛ ދެ ދާއިރާއަކުން މަޝްރޫޢު ހިންގަން އޭޑީބީގެ އެހީގައި ގްރާންޓް ޕްރޮގްރާމެއް!
.webp&w=3840&q=75)
ރާއްޖޭގެ ސިއްޙީ ދާއިރާ ޑިޖިޓަލްކުރަން ބޮޑު ތަޞައްވުރެއް: "މޯލްޑިވްސް ޑިޖިޓަލް ހެލްތު ބްލޫޕްރިންޓް" ރަސްމީކޮށް އިފްތިތާޙުކޮށްފި!

އަންހެނުން އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވުމުގެ މަޤްޞަދުގައި ސިލްސިލާ ބައްދަލުވުންތައް އދ އަތޮޅުގައި ފެށިއްޖެ




