
ރާއްޖޭގެ ބޯޑަރަށް އަންނަ ނުރައްކާތަކާމެދު އަބަދުވެސް ތިބެންވާނީ ހުށިޔާރުވެގެން - އިހްސާން
# ޢަލީ އިޙްސާން-
ރާއްޖޭގެ ބޯޑަރަށާއި މުޖުތަމަޢަށް އަންނަ ނުރައްކާތައް ދެނެގަންނަން ޖެހޭ ކަމަށާއި ކަމެއް ދިމާވުމުގެ ކުރިން އަބަދުވެސް އެކަމަކަށް ތައްޔާރަށް ތިބެންވާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ ކަސްޓަމްސް ދުވަހުގެ ދުވަސް ފާހަގަކުރުމަށްޓަކައި އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ކަސްޓަމްސް އިން އަބަދުވެސް މަސައްކަތް ކުރަންވާނީ ބޯޑަރުގެ ސަލާމަތާއި ރައްކާތެރިކަން ފޫއަޅުވާލަން މަސައްކަތް ކުރާ މީހުން ދުރާލާ ދެނެގަތުމަށް ކަމަށެވެ.
ރާއްޖެއަށް މުދާ އެތެރެކުރާ ފަރާތްތަކުން މުދާ ގެނައުމުގަ ގެންގުޅޭ އުސޫލުތަކާއި ޑޭޓާ އެނެލައިޒްކޮށް ރިސްކް ދެނެގަންނަން ޖެހޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ޓެކްނޮލޮޖީ ގޮތުން ކުރިއަރަމުން އަންނަ އިރު އެއާ އެއްހަމައެއްގައި ފައިތިލަ ސާބިތުކުރުމަކީވެސް މުހިންމު ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ މުޅި އަހަރުގެ ތެރޭގައި ނަތީޖާ ނެރޭ މުއައްސަސާއަކަށް ކަސްޓަމްސް ވުމަށްޓަކައިވެސް ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.
ފާއިތުވި އަހަރަކީ ނަތީޖާ ނެރުނު އަހަރެއްކަން ފާހަގަކުރައްވާ ވަޒީރު ވަނީ އެ ނަތީޖާއާ މެދު ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.
އިންޓަރނޭޝަނަލް ކަސްޓަމްސް ޑޭގެ ޝިޢާރާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ކަސްޓަމްސްގެ މި އަހަރުގެ ތީމަކީ ސަރުކާރުން ކަސްޓަމްސްގެ ފަރާތުން އެދޭ ކަންތައްތައް ވަރަށް ރަނގަޅަށް ސިފަވާ ތީމެއް ކަމަށެވެ.
އެކިއެކި ދާއިރާތަކުން ސެޓްފިކެޓް ހާސިލް ކުރެއްވި ފަރާތްތަކަށާއި އަދި ވަކިން ޚާއްސަކޮށް ކަސްޓަމްސްއަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާ ރަން ބެޖު ލިބިވަޑައިގެންނެވި ފަރާތްތަކުގެ އިތުރުން ކޮމިޝަނަރުގެ އެވޯޑު ހާސިލްކުރެއްވި ފަރާތްތަކަށް ވަޒީރު ވަނީ މަރުހަބާ ދަންނަވާފައެވެ.
މިއަދު ހެނދުނު އިސްކަންދަރު ކޮށީގައި ބޭއްވި މި ރަސްމިއްޔާތުގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް އިބްރާހީމް މަފާޒް، ޑެޕިއުޓީ ކޮމިޝަނަރު މަހްމޫދު ރިޔާޒުގެ އިތުރުން ކަސްޓަމްސްގެ އިސްވެރިންނާއި ހޯމް ޓީމުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ކަސްޓަމްސް ދުވަހުގެ މި އަހަރުގެ ޝިޢާރަކީ 'ކަސްޓަމްސް ޕްރޮޓެކްޓިންގ ސޮސައިޓީ ތްރޫ ވިޖިލެންސް އެންޑް ކޮމިޓްމެންޓް' އެވެ.
ގުޅުންހުރި

ޖިނާޢީ ކުށެއް ނެތް ރަށެއްގެ ގޮތުގައި ބ. މާޅޮސް ވެގެންދާނެ، އެކަމަށް ޝައްކެއް ނެތް: ވަޒީރު

ސަރުކާރުގެ ހަމައެކަނި އަމާޒަކީ ޑިޖިޓަލައިޒޭޝަން ނޫން، ވިސްނުން އެއަށްވުރެ ފުޅާ - އިހްސާން

މޯލްޑިވްސް 2.0ގެ ދަށުން ދައުލަތުގެ މުއައްސަސާތައް ޒަމާނީ ކުރުމަށް ކުރަމުންދާ މަސައްކަތްތައް ދަނީ ކުރިއަށް - އިހްސާން
.jpg&w=3840&q=75)



