
މާލެ ސަރަހައްދުގައި 3000 ހައުސިންގ ޔުނިޓު އެޅުމަށް ބޭނުންވާ ބިން ބީއެމްއެލްއާއި ހަވާލުކޮށްފި
# ބީއެމްއެލް-
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ.) އިން ހުރިހާ ބޭންކްތަކަށް ލާޒިމުކޮށްފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ ސްކީމް (އައިއެންއޭއެޗް) ގެ ދަށުން 3،000 ހައުސިންގ ޔުނިޓް ތަރައްޤީކުރުމަށް، ހުޅުމާލެ ފޭސް 1، ފޭސް 2 އަދި ވިލިމާލެއިން ބިން ހޯދުމަށް ބޭންކް އޮފް މޯލްޑިވްސް އިން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއާއެކު އެމްޔޫއޯއެއްގައި ސޮއިކޮށްފައެވެ.

ރާއްޖޭގައި ކުޑަ އަގުގައި ގެދޮރު ހޯދުމުގެ ފުރުސަތުތައް އިތުރުކުރުމަށްޓަކައި ނެޝަނަލް ހައުސިންގ އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ ޕްރޮޖެކްޓް ފެށުމަށް ކެބިނެޓުން ވަނީ ނިންމާފައެވެ. އެ ޕްރޮޖެޓްގެ އެއް ބަޔަކީ، މާލީ އިދާރާތަކާ ގުޅިގެން ހައުސިންގ ޔުނިޓްތައް ތަރައްޤީކޮށް، ލީސް-ޓު-އޯން (ކުލި ދައްކައި ޚަލާސްކުރުމުން މިލްކުވުން) މޮޑެލްގެ ދަށުން އާންމުންނަށް އެ ޔުނިޓްތައް ހުޅުވާލުމެވެ.
ގެދޮރުގެ މިލްކުވެރިކަމުގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ މަގުސަދުގައި، އެމް.އެމް.އޭ.ގެ އާ ގަވާއިދުގައިވާ ގޮތުން ރާއްޖޭގެ ހުރިހާ ކޮމާޝަލް ބޭންކްތަކުން ޖުމްލަ ލޯނު ޕޯޓްފޯލިއޯގެ %10 އާއި %15 އާ ދެމެދުގެ ނިސްބަތެއް އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ ސްކީމަށް ޚާއްޞަކުރުމަށް ލާޒިމުކުރެއެވެ. މި ގަވާއިދަށް އަމަލުކުރަން ފެށުމަށްޓަކައި، ބޭންކް އޮފް މޯލްޑިވްސް އިން ވަނީ އެމް.އެމް.އޭ އިން ނެރެފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑިބިލިޓީ ގަވާއިދުގެ 4 ވަނަ މާއްދާގެ ހ އާއި އެއްގޮތަށް އިސްލާމިކް ފައިނޭންސިންގ އުސޫލުން ފައިނޭންސިންގ ދޫކުރުމަށް ބީ.އެމް.އެލް. އެފޯޑަބަލް ހޯމް ލީސިންގ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބީއެމްއެލްގެ %100 ހިއްސާ ހިމެނޭ އާ ސަބްސިޑިއަރީއެއް އުފައްދައި ރަޖިސްޓަރީކޮށްފައެވެ.
މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބާއި، ބޭންކް އޮފް މޯލްޑިވްސްއިން އަލަށް ރަޖިސްޓަރީކުރި ސަބްސިޑިއަރީ، ބީ.އެމް.އެލް. އެފޯޑަބަލް ހޯމް ލީސިންގ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާމްއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބީ.އެމް.އެލް.ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ގައުމުގެ އެންމެ ބޮޑު ބޭންކްގެ ހައިސިއްޔަތުން ރާއްޖޭގައި ދޫކޮށްފައިވާ ޖުމުލަ ލޯނުގެ %52 އަށް ވުރެ ބޮޑު އަދަދެއް ހިއްސާކުރަނީ ބީއެމްއެލް އިން ކަމަށާއި މި މުހިއްމު މަޝްރޫއަށް ހަރުދަނާ ގޮތެއްގައި ބޭންކުން އެހީތެރިވަނީ ޒިންމާދާރު ކަމާއި ފަޚުރުވެރިކަމާއެކުގައި ކަމަށެވެ.
"މިއަދުގެ އެއްބަސްވުމުގައި ސޮއިކުރުމާއެކު، މި މަޝްރޫއު ތަންފީޒުކުރުމުގެ މަސައްކަތް ފެށި ރާއްޖޭގެ ފުރަތަމަ ބޭންކަކަށް ވުމަކީ އަޅުގަނޑުމެންނަށް ލިބޭ ފަޚުރެއް. ޝަރީފް ވިދާޅުވިއެވެ.
މިއީ، މި ސްކީމް ކުރިއަށްގެންދިއުމަށާއި ދިވެހި އާއިލާތަކަށް ދިރިއުޅުމަށް ލުއިފަސޭހަ އަދި އަތްފޯރާ ފަށުގައި ގެދޮރުވެރިވެވޭނެ ހައްލުތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެގޮތުން އެޅުނު މުހިންމު ފިޔަވަޅެއްކަން ފާހަގަކުރައްވައި ޝަރީފް ވިާޅުވީ އެހެން ޕްރޮޖެކްޓްސް ތަކެކޭ އެއްގޮތަށް މި ޕްރޮޖެކްޓް ހިންގުމުގައި ވެސް ބޭންކުން މަސައްކަތް ކުރާނީ ހިއްސާދާރުންނާއި ކަސްޓަމަރުންގެ މަސްލަހަތު ރައްކާތެރިކުރުމަށާއި ގަވާއިދުތަކަށް ފުރިހަމައަށް ތަބާވުމަށާއި ބައިނަލްއަގުވާމީ އެންމެ ރަނގަޅު އުސޫލުތަކަށް އަމަލުކުރުމަށް ކަމަށެވެ.
އަދި ލީސް-ޓު-އޯން މޮޑެލްގެ ދަށުން އަލަށް ގެދޮރުވެރިންނަށް ވާން ބޭނުންވާ ފަރާތްތަކަށް ބޭންކުން ފައިނޭންސްކޮށްގެން ތަރައްގީކުރާ މި ޔުނިޓްތައް އިމާރާތްކުރާނީ ގާބިލު އަދި ތަޖުރިބާކާރު ޑިވެލޮޕަރުންނާ ހަވާލުކޮށްގެން ކަމަށާއި ބޭންކުން މި މަޝްރޫއު ކުރިއަށް ގެންދާނީ، ގެދޮރުގެ މިލްކުވެރިކަން ހޯދޭނެ ގޮތަށް، ހަރުދަނާ އޮނިގަނޑަކަށް ފެތޭ އަދި ލުއިފަސޭހަ ގޮތަކަށް ކަމަށްވެސް ބޭންކުން ބުނެއެވެ.
އަދި މި ޔުނިޓްތަކަށް މަހު ކުލި ދައްކަމުންގޮސް ޖުމްލަ އަދަދު ދައްކާ ޚަލާސްކުރުމުން އެ ތަނުގެ މިލްކުވެރިކަން ބަދަލުކުރެވޭނެކަމަށްވެސް ވަނީ ގާހަގަކޮށްފައި އެވެ.
ބީއެމްއެލުން މިހާރު ވަނީ ރާއްޖެއާއި ރާއްޖޭން ބޭރުގެ ގާބިލު ބައެއް ޑިވެލޮޕަރުންނަށް އެކްސްޕްރެޝަން އޮފް އިންޓްރެސްތް ހުށަހެޅުމަށް ދައުވަތުދީފައި އެވެ. އަދި ޑިވެލޮޕަރުންނާއެކު އެއްބަސްވުންތައް ގާއިމުކުރާނީ ގަވާއިދުތަކާއި އެއްގޮތްވާގޮތުގެ މަތިން އަދި ޑިއުޑިލިޖެންސް ފުރިހަމަކުރުމަށްފަހުގައި ކަމަށްވެސް ބޭންކުން ބުނެއެވެ.
ގުޅުންހުރި

މާލެ ސަރަހައްދުގައި 3000 ހައުސިންގ ޔުނިޓު އެޅުމަށް ބޭނުންވާ ބިން ބީއެމްއެލްއާއި ހަވާލުކޮށްފި

ރާއްޖޭގެ ޑިޖިޓަލް އިޤްތިޞާދު ކުރިއެރުވުމަށް ބީއެމްއެލުން ކުރާ މަސައްކަތް މާސްޓަރކާޑުން ފާހަގަކޮށް އަގުވަޒަންކޮށްފި

ބީއެމްއެލްގެ ޓްރާންސެކްޝަން ތަކަށް ވަޓްސްއެޕް މެދުވެރިކޮށް އޯޓީޕީ ލިބޭގޮތް ހަދައިފި





