
ސަރުކާރުގެ ސިޔާސަތަކީ ލ. ހިތަދޫ ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުން - ރައީސް
# ސިއްހީ ދާއިރާ# ރައީސް މުއިއްޒު-
ސަރުކާރުގެ ސިޔާސަތަކީ ލ. ހިތަދޫ ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ހައްދުންމަތީގައި މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ހިތަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
މިއަދު އެރަށުގައި ޢަމަލީ ގޮތުން މަސައްކަތް ފެށި، ހިތަދޫ ޞިއްޙީ މަރުކަޒަށް އަލަށް އިތުރުކުރާ އިމާރާތުގެ މަސައްކަތަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވިދާޅުވީ، އެ އައު އިމާރާތް ވެގެންދާނީ އެ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރެއްވުމަށް ކުރައްވާ މަސައްކަތަށް ލިބޭ ކުރިއެރުމަކަށް ކަމަށެވެ. އަދި ކުރިއަށް އޮތް 2026 ވަނަ އަހަރު، ޖުމުލަކޮށް މުޅި ރާއްޖޭގެ ޞިއްޙީ ދާއިރާގައި އިންސާނީ ވަސީލަތްތައް ތަރައްޤީކުރެއްވުމަށް އަހުމިއްޔަތުކަން ދެއްވާނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އިންސާނީ ވަސީލަތްތަކުގެ އެހީގައި ޞިއްޙީ ޚިދުމަތްދޭ ބައެއް މަރުކަޒުތަކުގެ ފެންވަރު މަތިކޮށް، ބައެއް މަރުކަޒުތަކުން ޚިދުމަތްދޭ ވަގުތު އިތުރުކުރުމަށް މަގުފަހިވެގެންދާނޭކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަތޮޅުގެ ގިނަ ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ، އަދި ރިޔާސީ ވަޢުދެއްކަމުގައިވާ، އަތޮޅުގައި ދެވަނަ އެއަރޕޯޓެއް ތަރައްޤީކުރެއްވުމުގެ މަޝްރޫޢަށް އިޝާރާތްކުރައްވަމުން އެމަނިކުފާނު ވަނީ، އެކަމާމެދު މިދަތުރުފުޅުގައި ގޮތެއް ނުނިންމެވުމަކީ، އެކަން ނުކުރެއްވުން ނޫންކަމުގައި ވިދާޅުވެފައެވެ. އެކަމުގައި އޮތް އެންމެ ފައިދާހުރި، ދެކޮޅުޖެހޭ، ފީސިބަލް ގޮތެއް ބެއްލެވުމަށްފަހު، ވަރަށް އަވަހަށް ގޮތެއް ނިންމަވާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު އަތޮޅުގެ ރައްޔިތުންނަށް ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ހިމެނިގެން މިއަދު ވަނީ، އެމަނިފާނުގެ ރިޔާސީ ވަޢުދުތަކާ ގުޅުންހުރި މުހިންމު މަސައްކަތްތަކެއްގެ އެކި މަރުޙަލާތައް ފައްޓަވައިދެއްވާފައެވެ. އެގޮތުން، މި ދަތުރުފުޅުގައި ވަނީ، ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ފައްޓަވައިދެއްވައި ބޭންކް އޮފް މޯލްޑިވްސް ލ. ހިތަދޫ ބްރާންޗުގެ ބިންގާއަޅުއްވާފައެވެ. އަދި ހިތަދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާއަޅުއްވައި، ހިތަދޫ ފުލުހުންގެ މަރުކަޒު އިމާރާތްކުރުމާއި، ވޮލީބޯޅަ ކޯޓު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފައްޓަވައި، ހިތަދޫ - ކުނަހަންދޫ ކޯޒްވޭ މަޝްރޫޢު އިފުތިތާޙުކުރައްވާފައެވެ. މީގެއިތުރުން، ފުޓުބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަސައްކަތާއި، ހިތަދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތާއި، އައިސް ޕްލާންޓް ޤާއިމުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކުރައްވާފައެވެ.
ބޭންކް އޮފް މޯލްޑިވްސް ލ. ހިތަދޫ ބްރާންޗުގެ މަސައްކަތް އަންނަ އަހަރުގެ މާރިޗު މަހަށް ނިންމޭނޭކަމަށާއި، ހިތަދޫ ސްކޫލްގެ މަލްޓިޕަރޕަސް ހޯލް އިމާރާތްކުރުމުގެ މަސައްކަތް މިއަހަރު ފައްޓަވާނޭކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ މިއަދު ވިދާޅުވިއެވެ.
ގުޅުންހުރި

ކަލައިދޫ-ދަނބިދޫ ކޯޒްވޭ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި

އިސްދޫ ކަލައިދޫގެ ރައްޔިތުންނަށް ބޭނުންކުރެވޭގޮތަށް 30 އެނދުގެ، ޒަމާނީ ހޮސްޕިޓަލެއްގެ އަމަލީ މަސައްކަތް މިއަހަރު ފަށާނަން - ރައީސް
.jpg&w=3840&q=75)
އިސްދޫގައި އިންޑޯރ ބެޑްމިންޓަން ކޯޓެއް އަޅައިދެއްވުމަށް ރައީސްގެ އަރިހުން އެދެފި
