logoEN
Sto top
ހަމާސްއާއި އިސްރާއީލުން ކުރިޔަށް އޮތް ގަޑިއެއްހާ އިރުގެ ތެރޭގައި ހަމަލާބަދަލުކުރުން ހުއްޓާލާނެ - ރިޕޯޓު

ހަމާސްއާއި އިސްރާއީލުން ކުރިޔަށް އޮތް ގަޑިއެއްހާ އިރުގެ ތެރޭގައި ހަމަލާބަދަލުކުރުން ހުއްޓާލާނެ - ރިޕޯޓު

އަހުމަދު ޝުރާއު

logo

10/9/2025, 8:37:23 AM

# ޣައްޒާ

ޔަހޫދީން ހުއްޓުމެއްނެތި ޣައްޒާއަށް ދެމުންދިޔަ ހަމަލާތައް ކުރިޔަށް އޮތް ގަޑިއެއްހާ އިރުގެ ތެރޭގައި ހުއްޓާލާނެ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

Wamco

އިޒްރޭލުގެ ޗެނަލް އައި24 އިން ރިޕޯޓް ކުރާ ގޮތުގައި ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް ދެފަރާތުން ވެފައިވާ އެއްބަސްވުމަށް ކުރިއަށް އޮތް ގަޑިއެއްހާ އިރުގެ ތެރޭގައި އަމަލުކުރާން ފަށާނެ އެވެ.

ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ހުއްޓާލައި ދެ ފަރާތުން ގައިދީން މިނިވަންކުރަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ހުށަހެޅުއްވި ކަންކަމަށް ހަމާސް އާއި އިޒްރޭލުން އެއްބަސްވިކަން ހާމަކުރީ ރޭ ފަތިހު އެވެ. އެގޮތުން އެކަން އެންމެ ފުރަތަމަ ރަސްމީކޮށް އިއުލާނުކުރީ ޓްރަމްޕެވެ. އެއަށްފަހު ހަމާސް އާއި އިޒްރޭލުން ވެސް ވަނީ އެއްބަސްވުމަކަށް އާދެވުނުކަން އާންމުކޮށް އިއުލާނުކޮށް، އެއްބަސްވުމުގެ ފުރަތަމަ މަރުހަލާ ތަންފީޒުކުރަން ފެށުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ބުނެފަ އެވެ.

ހަމާސް އިން ބުނެފައިވާގޮތުގައި ޣައްޒާގެ ހަނގުރާމަ ނިމުމަކަށް ގެންނަން ނިންމާފައިވާ ކަމަށާއި އެއާ އެކު އިޒްރޭލުގެ އިސްތިއުމާރީ ސިފައިން ޣައްޒާއިން ފައިބާނެ ކަމަށެވެ. އަދި އިޒްރޭލުގެ ޖަލުތަކުން ފަލަސްތީނުގެ ދެ ހާހެއްހާ ގައިދީން މިނިވަންކުރަން އެއްބަސްވެފައިވާ ކަމަށް ބުންޏެވެ.

ދެފަރާތުން އެއްބަސްވި އެއްބަސްވުމުގައި ފާހަގަކޮށްފައިވާ މުހިންމު ކަންކަމަށް ބަލާލާއިރު މި އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގެ ދަށުން ހަމާސް ޖަމާއަތުން އިޒްރޭލުގެ 20 އަސީރުން މިނިވަންކުރާނެ އެވެ. އަދި އިޒްރޭލުން ފަލަސްތީނުގެ، ގާތްގަނޑަކަށް 2،000 ގައިދީން މިނިވަންކުރުމަށް އެއްބަސްވި އިރު މީގެ ތެރޭގައި އުމުރަށް ޖަލަށް ލާފައިވާ 250 މީހުންނާއި ޣައްޒާގެ ހަމަލާތައް ފެށި ފަހުން ހައްޔަރުކުރި އިތުރު 1،700 މީހަކު ހިމެނެއެވެ. އަދި ހުން މިނިވަންކުރުމުގެ ކަންކަން، އެއްބަސްވުމަށް އަމަލުކުރަން ފަށާތާ 72 ގަޑިއިރު ތެރޭ ފަށަން ޖެހޭނެ ކަމަށްވެސް އެއްބަސްވުމުގައި ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ކަނޑައަޅާފައިވާ ތާވަލެއްގެ ދަށުން އިޒްރޭލު ސިފައިން ޣައްޒާއިން ފައިބަމުންދާން ޖެހޭނެ ކަމަށްވެސް އެއްބަސްވުމުގައި ވަނީ ހިމަނާފައި އެވެ.

އިސްރާއީލުގެ ނިރުބަވެރި އަސްކަރިއްޔާއިން މިހާރު ވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ވާންޖެހޭ ފަހުގެ ތައްޔާރީތައް ފަށާފައިކަމަށް ރިޕޯޓުތައް ބުނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC