logoEN
Sto top
އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑުން ފަހަތުން އަރައި މާސޭ ބަލިކޮށްފި

އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑުން ފަހަތުން އަރައި މާސޭ ބަލިކޮށްފި

ހަސަން ޝަމްއޫން

logo

9/16/2025, 10:30:08 PM

# މާސޭ# ރެއާލް މެޑްރިޑް# ބޭރު ދުނިޔޭގެ ކުޅިވަރު# ޔުއެފާ ޗެމްޕިއަންސްލީގު

ރެއާލް މެޑްރިޑާއި މާސޭ ވާދަކުރި މެޗުގެ ތެރެއިން .

ޔުއެފާ ޗެންޕިއަންސް ލީގުގައި މިރޭ ރަށުން ބޭރުގައި ފްރާންސްގެ މާސޭ އިން ލަނޑެއް ކާމިޔާބުކޮށް ލީޑުހޯދާފައި ވަނިކޮށް، ފަހަތުން އަރައި 2-1 ނަތީޖާއަކުން މޮޅުވެ ރެއާލް މެޑްރިޑުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

Wamco

މިސީޒަނުގައި ރެއާލް މެޑްރިޑް މިހާތަނަށް ކުޅުނު ހަތަރު މެޗުން ވެސް އެޓީމު މޮޅުވެފައިވާއިރު، މިއީ ޗެންޕިއަންސް ލީގުގައި އެޓީމު މޮޅުވި 200 ވަނަ މެޗެވެ. އަދި މިއީ ޔޫއެފާ ޗެންޕިއަންސް ލީގު ތާރީޚުގައި ޔޫރަޕްގެ އެއްވެސް ކުލަބަ ހާސިލް ނުކުރެވޭ ރެކޯޑެކެވެ. މީގެ އިތުރުން މިމެޗުގައި ކާމިޔާބުކުރި ދެލަނޑާއެކު މިމުބާރާތުގައި އެޓީމުން ކާމިޔާބުކުރި ލަނޑުގެ އަދަދު ވަނީ 700 އަށް އަރާފައެވެ. މިއީ ވެސް މުބާރާތުގެ އައު ރެކޯޑެކެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިމެޗުގަައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ މާސޭ އިންނެވެ. ރެއާލް މެޑްރިޑްގެ ފަހަތުން ހެދި ގޯހެއްގެ ފައިދާނަގައި ފުރަތަމަ ހާފުގެ 22 ވަނަ މިނެޓުގައި މާސޭއަށް ލީޑުހޯދައިދިނީ އެޓީމުގެ އެމެރިކާ ފޯވާޑް ޓިމޮތީ ވެއާ އެވެ.

ނަމަވެސް އޭގެ ހަތް މިނެޓު ފަހުން ރެއާލް މެޑްރިޑަށް ލިބުނު ޕެނަލްޓީ އެއްގައި އެމްބާޕޭ ވަނީ އެޓީމަށް ލީޑު ހޯދައިދީފައެވެ. އަދި މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މިހާފުގައި ރެއާލް މެޑްރިޑްގެ އާޖެންޓީނާ ފޯވާޑް ފްރެންކޯ މަސްޓަންޓޫނޯ ފޮނުވާލި ހަމަލާއެއް ގޯލު އަރިމަތީ ދަނޑިއަށް އަމާޒުވިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓިމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، ރެއާލް މެޑްރިޑަށް މެޗުގެ ކޮންޓްރޯ ގެއްލުނީ ފަހުހާފުގެ 72 ވަނަ މިނެޓުގައި އެޓީމުގެ ކެޕްޓަން ޑެނީ ކަވަހާލް ކުޅުމުން ބޭރުގައި މާސޭގެ ކީޕަރަށް ކުރި ފައުލަކާއި ގުޅިގެން މެޗުގެ ރެފްރީ ކަވަހާލްއަށް ސީދާ ރަތް ކާޑެއްދައްކައި ދަނޑުން ފޮނުވާލުމުންނެވެ. މިއާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުންތެރިއަކު މަދުކޮށެވެ.

މިމެޗުން ރެއާލް މެޑްރިޑް މޮޅުވި ލަނޑު ދެވަނަ ހާފުގެ 81 ވަަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް އެމްބާޕޭ އެވެ. އަދި މިއީ މިސީޒަނުގައި ކުޅުނު ފަސް މެޗުގައި އެމްބާޕޭ ކާމިޔާބުކުރި ހަވަނަ ލަނޑެވެ. މީގެ އިތުރުން މިދެލަނޑާއެކު ރެއާލް މެޑްރިޑުގެ ޖާޒީގައި އެމްބާޕޭ ކާމިޔާބުކުރި ލަނޑުގެ އަދަދު ވަނީ 50 އަށް އަރާފައެވެ.

މީގެ އިތުރުން މިރޭ ކުޅުނު އިތުރު މެޗުތަކުގެ ނަތީޖާތަކަށް ބަލާއިރު، އަޒަރުބައިޖާންގެ ގަރަބާގުން ވަނީ ރަށުން ބޭރުގައި ފޯޗުގަލްގެ ބެންފިކާ އިން ދެލަނޑުގެ ލީޑެއް ހޯދާފައިވަނިކޮށް ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އަދި ބެލްޖިއަމްގެ ރޯޔަލް ޔޫނިއަން އެސްޖީ އިން ވަނީ ރަށުން ބޭރުގައި ނެދަލޭންޑްސްގެ ޕީއެސްވީ 3-1 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC