


%20(3).jpeg?w=3840&q=75)




--
4 ރަށެއްގައި ކުނި މެނޭޖްމަންޓް މަރުކަޒުތައް ޤާއިމުކުރުމަށް ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްފި އެވެ.
ފަތުރުވެރިކަމާ ތިމާވެށި މިނިސްޓްރީން މިއަދު ކޮންޓްރެކްޓަރުންނާއި ހަވާލުކުރީ ކ. މާފުށްޓާއި، ކ. ތުލުސްދޫ އަދި އދ. ހަންގުނާމީދޫއާއި އދ. މަހިބަދޫގައި ކުނި މެނޭޖްމަންޓް މަރުކަޒުތައް ޤާއިމުކުރުމަށެވެ.
މި މަޝްރޫޢަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ދިވެހި ސަރުކާރު ގުޅިގެން ފައިނޭންސް ކުރާ މަޝްރޫޢެކެވެ.
މިނިސްޓްރީން ބުނީ މި މަރުކަޒުތައް ޤާއިމުކުރުމުގެ މައިގަނޑު މަޤްޞަދަކީ، މި ރަށްރަށުގައި އުފެދޭ ކުނި ރަނގަޅު ގޮތެއްގައި މެނޭޖްކޮށް، ތިމާވެށި ހިމާޔަތްކުރުމަށްޓަކައި ބޭނުންވާ ވަސީލަތްތައް ޤާއިމުކުރުން ކަމަށާއި މި މަޝްރޫޢުގެ ދަށުން، ކުނި އެއްކޮށް ބައިބައިކުރުމާއި، ރިސައިކަލްކުރުމުގެ ނިޒާމުތައް ޤާއިމުކުރެވި، ރަށްރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށެވެ. އަދި މީގެ ސަބަބުން މި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނާއި، އެ ރަށްރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ވެސް، ސާފުތާހިރު މާޙައުލެއްގައި އުޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ރާއްޖޭގެ ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް މިއީ ލިބިގެންދާނެ ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވައި މިނިސްޓްރީން ބުނީ، ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ކުނި މެނޭޖްކުރުމުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަކީ، ސަރުކާރުގެ އެންމެ އިސް އެއް އަމާޒު ކަމަަށެވެ.
އަދި މިފަދަ މަޝްރޫޢުތައް މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ސާފުތާހިރުކަން ދެމެހެއްޓުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސިގެންދާނެ ކަމަށް ވެސް ވަނީ ބުނެފައި އެވެ.



%20(3).jpeg?w=3840&q=75)




