
ގދ.އަތޮޅު ކައުންސިލް 16 އަހަރުން ދަށުގެ ފުޓްސަލް މުބާރާތުގެ ސެމީފައިނަލްގެ ދެމެޗު ފަސްކޮށްފި
# ދިވެހި ކުޅިވަރު # ގދ.އަތޮޅު ކައުންސިލް 16 އަހަރުން ދަށުގެ ފުޓްސަލް މުބާރާތް 2025މުބާރާތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް
މިހާރު ތިނަދޫ ސިޓީގައި ކުރިއަށްދާ "ގދ.އަތޮޅު ކައުންސިލްގެ 16 އަހަރުން ދަށުގެ ފުޓްސަލް މުބާރާތް 2025" ގައި މިއަދު ހަވީރު ކުޅުމަށް ތާވަލުކުރެވިފައި އޮތް ސެމީފައިނަލް ދެ މެޗު މިމަހުގެ ތިންވަނަ ދުވަހަށް ފަސްކޮށްފިއެވެ.

މުބާރާތުގެ އިންތިޒާމް ކޮމެޓީގެ ފަރާތުން އޮފިޝަލަކު ގާފު ސްޕޯޓްސްއަށް މައުލޫމާތުދިން ގޮތުގައި މުބާރާތުގެ ސެމީފައިނަލުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން ފަރެސްމާތޮޑާ ޓީމުގެ ގިނަ އަދަދެއްގެ ކުޅުންތެރިންތަކެއް ފުޑްޕޮއިޒަންވެ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ދަނީ ފަރުވާދެމުންނެވެ.
"ހޮސްޕިޓަލުން ފަރުވާދިން މީގެހުންގެ ތެރޭގައި ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އިތުރުން ޓީމާއެކު ތިނަދޫ ސިޓީއަށް އައިސްތިބި ބައެއް ބެލެނިވެރިންވެސް ހިމެނޭ"
މުބާރާތުގައި ކުރިން ރޭވިފައި އޮތްގޮތުން ސެމީގެ ދެމެޗުން ތާވަލުކުރެވިފައި އޮތީ މިއަދު ހަވީރު ކުޅޭގޮތަށެވެ. ނަމަވެސް ސެމީފައިނަލުގައި ވާދަކުރާ ޓީމުތަކުގެ އޮފިޝަލުންނާއި މަޝްވަރާކުރުމަށްފަހު މުބާރާތުގެ އިންތިޒާމް ކޮމެޓީ އިން މިހާރު ނިންމާފައިވަނީ މިމަހުގެ ތިންވަނަ ދުވަހުގެ ހަވީރަށް ސެމީފައިނަލްގެ ދެމެޗު ފަސްކުރުމަށެވެ.
މީގެ އިތުރުން މުބާރާތުގެ ޝެޑިއުލްއަށް ގެނެވުނު ބަދަލާއެކު ކުރިން މިމަހުގެ ހަތަރުވަނަ ދުވަހު ކުޅުމަށް ތާވަލުކުރެވިފައިވާ މުބާރާތުގެ ފައިނަލް މެޗު މިމަހުގެ ފަހެއްވާ އަންގާރަ ދުވަހުގެ ހަވީރަށް ވަނީ ބަދަލުކުރެވިފައެވެ.
އާދިއްތަ ދުވަހުގެ ހަވީރު 16:00 ގައި ކުޅޭ ސެމީފައިނަލް ފުރަތަމަ މެޗުގައި ތިނަދޫ ސިޓީއާއި ހޯޑެއްދޫ ވާދަކުރާއިރު، 17:00 ގައި ކުޅޭ ސެމީފައިނަލް ދެވަނަ މެޗުގައި ފަރެސްމާތޮޑާ އިން ނުކުންނާނީ ފިޔޯރީ އާ ދެކޮޅަށެވެ.
26 ޖުލައި 2025 އިން 04 އޮގަސްޓް 2025 ގެ ނިޔަލަށް ތިނަދޫ ސިޓީގައި ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ގދ.އަތޮޅުގެ އަށް ރަށަކުން އަށް ޓީމު ވާދަކުރިއިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި އަށް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ.
މިމުބާރާތުގެ އެކްސްކުލޫސިވް ޕާޓްނަރއަކަށް މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން ހަމަޖައްސާފައިވާއިރު، ތިނަދޫ ސިޓީ ސްޓޭޑިއަމް ވަނީ މުބާރާތުގެ ކޯ-ޕާޓްނަރ އަކަށް ހަމަޖައްސާފައެވެ. އަދި މީގެ އިތުރުން މުބާރާތުގެ އެސޯސިއޭޓް ޕާޓްނަރުންގެ ގޮތުގައި ތިނަދޫ ސިޓީ ކައުންސިލް، އާރުޑީސީ ތިނަދޫ ސިޓީ، ޕަބްލިކް ވޯކްސް ސަރވިސެސް، ތިނަދޫ ސިޓީ، ހުވަދޫ ރެކްރިއޭޝަން ، ހަވަރު ސްޕޯޓްސް، ކުލަބު ދަޑެކޮޑެއަންސް، ތިނަދޫ ސިޓީ އެފްސީ ގެ އިތުރުން އެމްޓީސީސީ ވަނީ ހަމަޖައްސާފައެެވެ.
މީގެ އިތުރުން މުބާރާތުގެ ސެކިއުރިޓީ ޕާޓްނަރަކީ މޯލްޑިވްސް ޕޮލިސް ސަރވިސް އެވެ.ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސާފައިވާއިރު، މެޑިކަލް ޕާޓްނަރަކީ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލެވެ. އަދި ބެވަރެޖް ޕާޓްނަރުންގެ ގޮތުގައި ހެޕީ މާކެޓް އަދި ހަތްތެރި ކެފޭ ހަމަޖައްސާފައިވާއިރު، ރިފްރެޝްމެންޓް ޕާޓްނަރަކީ ވޮމެން އެމްޕަވަމެންޓް އެސޯސިއޭޝަން އޮފް ތިނަދޫ )ވީޓް އެވެ. އަދި ޕްރިންޓިންގ ޕާޓްމަރަކަށް ނޯވަޓެކް ހަމަޖައްސާފައިވާއިރު، މުބާރާތުގެ އެންޓަޓެއިނިންގ ޕާޓްނަރަކީ ރައްފުށު ބޮޑުބެރު ގުރޫޕެވެ. އަދި މުބާރާތުގެ ލައިވް ކަވަރޭޖް ޕާޓްނަރަކަށް އިވެންޓް ކާސްޓް މޯލްޑިވްސް ހަމަޖައްސާފައިވާއިރު، އޮފިޝަލް މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.
ގުޅުންހުރި
