
ތައިލެންޑު-ކެމްބޯޑިއާ ހަނގުރާމަ: މިހާތަނަށް ތައިލެންޑުން 4 މީހަކު މަރުވެއްޖެ
# ތައިލެންޑް - ކެމްބޯޑިއާ-
ރޭ ފަތިހު ތައިލެންޑާއި ކެމްބޯޑިއާއާއި ދެމެދު ފެށުނު ހަމަލާތަކުގައި މިހާތަނަށް ތައިލެންޑުން 4 މީހަކު މަރުވެއްޖެ އެވެ.

ތައިލެންޑުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ތައިލެންޑުގެ ސިސަކެޓް ޕްރޮވިންސްގެ ގޭސް ސްޓޭޝަނަކަށް ކެމްބޯޑިއާ ސިފައިން ދިން ހަމަލާއެއްގައި އާންމުންގެ އިތުރު ދެ މީހަކު މަރުވެ، ހަނގުރާމައިގައި މަރުވި މީހުންގެ އަދަދު ވަނީ ހަތަރަކަށް އަރާފައި އެވެ.
ތައިލެންޑްގެ ސޫރިން ޕްރޮވިންސާއި ކެމްބޯޑިއާގެ އޮޑާރް މީންޗޭ ޕްރޮވިންސްގެ ބޯޑަރު ކައިރީގައި ވާދަވެރި ސަރަހައްދެއްގައި އޮންނަ ތާ މޮއާން ތޯމްގެ އިހުގެ ޚުމޭރު ޓެމްޕަލް ކައިރީގައި އެންމެ ފުރަތަމަ ފެށުނު މި ހަމަލާތައް މިހާރު ވަނީ އިތުރަށް ފުޅާވެފައި އެވެ. އެގޮތުން ތައިލެންޑުގެ ދިފާއީ ވުޒާރާގެ މަންދޫބެއް ކަމަށްވާ ސުރަސަންތު ކޮންގްސިރީ ވިދާޅުވީ ދެގައުމުގެ ބޯޑަރު ސަރަހައްދުގެ މަދުވެގެން ހަ ތަނެއްގައި ހަމަލާބަދަލުކުރުންތައް މިހާރު ހިނގަމުންދާ ކަމަށެވެ.
މި ހަމަލާތަކުގައި އަދި މިހާތަނަށް ކެމްބޯޑިއާއިން ބަޔަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައި ނުވެއެވެ.
ދެކުނު އިރުމަތީ އޭޝިއާގެ އަވަށްޓެރި ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައި ވަނީ މިދިޔަ މެއި މަހުން ފެށިގެން ކެމްބޯޑިއާގެ ސިފައިންގެ މީހަކު ހިޔާލު ތަފާތުވެފައިވާ ބިމެއްގެ މައްސަލާގައި ހިނގި ހަމަނުޖެހުންތަކުގައި މަރުވި ފަހުންނެވެ. އެހާދިސާއަށްފަހު ދެގައުމުގެ ގުޅުން އޮތީ ވަރަށް ބޮޑަށް ގޯސްވެފައި އެވެ.
މަޝްރަހު ހޫނުވެފައި ވަނިކޮށް ކެމްބޯޑިއާގެ ހުޅަނގު އުތުރުގައި އޮންނަ އޮޑާރް މީންޗޭ ޕްރޮވިންސްގެ ވާދަވެރި ބޯޑަރު ސަރަހައްދުގައި ބުރާސްފަތި ދުވަހުގެ ފަތިހު މިވަނީ ކުރިމަތިލުންތައް ފަށާފައިއެވެ. ހަމަލާތައް ފެށި ކަމަށް ދެގައުމުންވެސް ތުހުމަތު ކުރަނީ ދެގައުމަށެވެ. ހަމަލާތައް ފެށި ކަމުގެ ޒިންމާ އެއްވެސް ގައުމަކުން އުފުލާކަށް ބޭނުމެއް ނުވެއެވެ.
ތައިލެންޑުން އަންނަނީ ކެމްބޯޑިއާއިން ދިގު ރާސްތާގެ ބީއެމް 21 ގްރޭޑް ރޮކެޓް ފަދަ ބަރު ހަތިޔާރު ބޭނުންކޮށްގެން ތައިލެންޑަށް ހަމަލާދީފައިވާ ކަމަށް ބުނަމުންނެވެ. އަދި ކެމްބޯޑީއާއިން އަންނަނީ ކެމްބޯޑިއާގެ ދެ ސަރަހައްދަކަށް ތައިލެންޑުން ވައިގެ ހަމަލާތަކެއް ދީފައިވާކަމަށް ބުނަމުންނެވެ.
ހަމަލާތަކާއި ގުޅިގެން ތައިލެންޑުގެ އަސްކަރިއްޔާއިން މިހާރު ވަނީ ހަނގުރާމައިގައި ބައިވެރިވުމަށް އެފް-16 ފައިޓާ ޖެޓެއް ޑިޕްލޯއިކޮށްފައި އެވެ. އަދި ބައެއް ޖެޓުތައް މިހާރު ކެމްބޯޑިއާގެ ވައިގެ ސަރަހައްދަށް ވަދެފައިވާ ކަމަށް ތައިލެންޑުގެ ނޫސްތަކުން ދަނީ ރިޕޯޓުކުރަމުންނެވެ.
ކެމްބޯޑިއާގެ ބޯޑަރު އޮންނަ ތައިލެންޑުގެ ސުރިން ޕްރޮވިންސްގެ ލޯކަލް އޮފިޝަލަކު ވިދާޅުވީ ބޯޑަރު ކައިރީގައި އޮންނަ 86 އަވަށެއްގައި ތިބި ތައިލެންޑްގެ ގާތްގަނޑަކަށް 40،000 އާންމުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.
ކެމްބޯޑިއާގެ ދިފާއީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ ހަމަލާތައް ފެށީ ތައިލެންޑުން ކަމށާއި ތައިލެންޑްގެ އަސްކަރިއްޔާއިން ދިނީ ފަރުވާކުޑަ އަދި އަނިޔާވެރި ޙަމަލާއެއް ކަމަށެވެ.