
ތައިލެންޑާއި ކެމްބޯޑިއާއާއި ދެމެދު ހަމަލާތައް ފެށިއްޖެ: ތައިލެންޑުގެ ފައިޓާ ޖެޓުތައް ކެމްބޯޑިއާގެ ވައިގެ ސަރަހައްދަށް!
# ތައިލެންޑް - ކެމްބޯޑިއާމަޝްރަހު ހޫނުވެ ތައިލެންޑާއި ކެމްބޯޑިއާއާއި ދެމެދު ހަނގުރާމަ ފަށައި ދެގައުމުން ހަމަލާބަދަލުކުރަން ފަށައިފި އެވެ.

ދެކުނު އިރުމަތީ އޭޝިއާގެ އަވަށްޓެރި ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައި ވަނީ މިދިޔަ މެއި މަހުން ފެށިގެން ކެމްބޯޑިއާގެ ސިފައިންގެ މީހަކު ހިޔާލު ތަފާތުވެފައިވާ ބިމެއްގެ މައްސަލާގައި ހިނގި ހަމަނުޖެހުންތަކުގައި މަރުވި ފަހުންނެވެ. އެހާދިސާއަށްފަހު ދެގައުމުގެ ގުޅުން އޮތީ ވަރަށް ބޮޑަށް ގޯސްވެފައި އެވެ.
މަޝްރަހު ހޫނުވެފައި ވަނިކޮށް ކެމްބޯޑިއާގެ ހުޅަނގު އުތުރުގައި އޮންނަ އޮޑާރް މީންޗޭ ޕްރޮވިންސްގެ ވާދަވެރި ބޯޑަރު ސަރަހައްދުގައި ބުރާސްފަތި ދުވަހުގެ ފަތިހު މިވަނީ ކުރިމަތިލުންތައް ފަށާފައިއެވެ. ހަމަލާތައް ފެށި ކަމަށް ދެގައުމުންވެސް ތުހުމަތު ކުރަނީ ދެގައުމަށެވެ. ހަމަލާތައް ފެށި ކަމުގެ ޒިންމާ އެއްވެސް ގައުމަކުން އުފުލާކަށް ބޭނުމެއް ނުވެއެވެ.
ތައިލެންޑުން އަންނަނީ ކެމްބޯޑިއާއިން ދިގު ރާސްތާގެ ބީއެމް 21 ގްރޭޑް ރޮކެޓް ފަދަ ބަރު ހަތިޔާރު ބޭނުންކޮށްގެން ތައިލެންޑަށް ހަމަލާދީފައިވާ ކަމަށް ބުނަމުންނެވެ. އަދި ކެމްބޯޑީއާއިން އަންނަނީ ކެމްބޯޑިއާގެ ދެ ސަރަހައްދަކަށް ތައިލެންޑުން ވައިގެ ހަމަލާތަކެއް ދީފައިވާކަމަށް ބުނަމުންނެވެ.
ހަމަލާތަކާއި ގުޅިގެން ތައިލެންޑުގެ އަސްކަރިއްޔާއިން މިހާރު ވަނީ ހަނގުރާމައިގައި ބައިވެރިވުމަށް އެފް-16 ފައިޓާ ޖެޓެއް ޑިޕްލޯއިކޮށްފައި އެވެ. އަދި ބައެއް ޖެޓުތައް މިހާރު ކެމްބޯޑިއާގެ ވައިގެ ސަރަހައްދަށް ވަދެފައިވާ ކަމަށް ތައިލެންޑުގެ ނޫސްތަކުން ދަނީ ރިޕޯޓުކުރަމުންނެވެ.
ކެމްބޯޑިއާގެ ބޯޑަރު އޮންނަ ތައިލެންޑުގެ ސުރިން ޕްރޮވިންސްގެ ލޯކަލް އޮފިޝަލަކު ވިދާޅުވީ ބޯޑަރު ކައިރީގައި އޮންނަ 86 އަވަށެއްގައި ތިބި ތައިލެންޑްގެ ގާތްގަނޑަކަށް 40،000 އާންމުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.
ކެމްބޯޑިއާގެ ދިފާއީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ ހަމަލާތައް ފެށީ ތައިލެންޑުން ކަމށާއި ތައިލެންޑްގެ އަސްކަރިއްޔާއިން ދިނީ ފަރުވާކުޑަ އަދި އަނިޔާވެރި ޙަމަލާއެއް ކަމަށެވެ.
ހަމަލާތަކާއި ގުޅިގެން ބަޔަކު މަރުވެފައިވާކަމަށް އަލް. ޖަޒީރާއިން އަންނަނީ ރިޕޯޓުކުރަމުންނެވެ.