


%20(3).jpeg?w=3840&q=75)




-
އިންޑިއާގެ އަހްމަދުއާބާދުގައި މިއަދު އެއާ އިންޑިއާގެ މަތިންދާބޯޓެއް ވެއްޓި، ހިނގި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ހިތާމަފާޅުކުރައްވައިފިއެވެ.
.އެމަނިކުފާނުގެ އަމިއްލަފުޅު "އެކްސް" އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި، ދިވެހި ސަރުކާރާއި ރައްޔިތުން، މި ހިތާމައިގައި ބައިވެރިވާކަން ހާމަކުރައްވާފައިވެއެވެ
އެއާ އިންޑިއާގެ މަތިންދާބޯޓެއް މިއަދު ވެއްޓުނީ ސަރުދާރު ވަލްލްބާއީ ޕަޓޭލް އަހްމަދުއާބާދު އެއާޕޯޓުން ފުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެވެ. ވެއްޓުނު އޭއައި 171 އަކީ އަހްމަދުއާބާދު އެއާޕޯޓުން ފުރައިގެން ލަންޑަނުގެ ގެޓްވިކަށް ދިޔުމަށް ދަތުރުފެށި ފްލައިޓެކެވެ.
އިންޑިއާގެ ޑައިރެކްޓްރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަނުން ބުނީ 2 ޕައިލެޓުންނާއި 10 ކެބިން ކްރޫން ހިމެނޭ މި ބޯޓު ވެއްޓުނު އިރު ޖުމުލަ 242 މީހުން ތިބިކަމަށެވެ. އަދި މި މަތިންދާބޯޓުގެ ކޮމާންޑް ކުރަމުން ދިޔައީ ކެޕްޓަން ސުމިތު ސަބަރްވާލް އާއި ފަސްޓް އޮފިސަރު ކްލައިވް ކުންޑާރު ކަމަށްވެސް ވަނީ ބުނެފައި އެވެ.
ވެއްޓުނު އެއާ އިންޑިއާގެ މަތިންދާބޯޓުގައި އިންޑިއާގެ 169 ފަސިންޖަރުންނާއި އިނގިރޭސިވިލާތަށް ނިސްބަތްވާ 53 މީހަކާއި ކެނެޑާގެ މީހަކާއި ޕޯޗުގަލްގެ ހަތް ފަސިންޖަރުން ތިބި ކަމަށް އެއާއިންޑިއާއިން ވަނީ ބުނެފައި އެވެ.
އެގޮތުން ބޯޓު ވެއްޓުނު އިރު ބޯޓުގައި 242 މީހުން ތިބި އިރު މިހާތަނަށް ސަލާމާތްވި ކަން ކަށަވަރުވެފައިވަނީ އެންމެ މީހެކެވެ. އަދި ބޯޓު ވެއްޓުނީ ގިނަ ރެސިޑެންޝަލް އިމާރާތްތަކެއް ހުންނަ މޭގަނީ ނަގަރުގެ މެޑިކަލް ކޮލަޖެއްގެ ހޯސްޓަލް އިމާރާތެއްގެ މައްޗަށެވެ. މިއާއި އެކު އެވަގުތު އެ ހޯސްޓަލްގައި ތިބި މީހުންނާއި އެސަރަހައްދުގައި ދެން ގެއްލުން ލިބުނު އިމާރާތްތަކުގެ ބައެއް މީހުން ވެސް މަރުވެފައިވާ ކަމަށް ދަނީ ރިޕޯޓުކުރަމުންނެވެ.
މި ހާދިސާގައި ޒަހަމްވި އެތައް ސަތޭކަ ބަޔަކަށް މިހާރުވެސް ދަނީ ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުންނެވެ. އަދި ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން މަރުވި މީހުން ކަށަވަރުކުރުމަށް މިހާރު ދަނީ އެމީހުންގެ އާއިލާތަކުގެ ޑީއެންއޭ ސާމްޕަލްތައް ނެގުމުގެ މަސައްކަތްވެސް ކުރަމުންނެވެ.






%20(3).jpeg?w=3840&q=75)
