logoEN
Sto top
ދުޝްމަނުންގެ މަޤްޞަދު ހާސިލްވާން ޕާކިސްތާނު އަސްކަރިއްޔާއިން ފުރުސަތު ނުދޭނެ - ބޮޑުވަޒީރު ޝަރީފް

ދުޝްމަނުންގެ މަޤްޞަދު ހާސިލްވާން ޕާކިސްތާނު އަސްކަރިއްޔާއިން ފުރުސަތު ނުދޭނެ - ބޮޑުވަޒީރު ޝަރީފް

އަހުމަދު ޝުރާއު

logo

5/6/2025, 10:38:25 PM

# އިންޑިއާ - ޕާކިސްތާނު

އިންޑިއާއަކީ ނުބައި ދުޝްމަނެއް ކަމަށް ވިދާޅުވެ ދުޝްމަނުންގެ މަގްސަދު ހާސިލުކުރަން ޕާކިސްތާނު އަސްކަރިއްޔާއިން ފުރުސަތު ނުދޭނެ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވިދާޅުވެއްޖެ އެވެ.

Wamco

ޝަހްބާޒް މިފަދައިން ވިދާޅުވީ މިރޭ ކުއްލި ގޮތަކަށް އިންޑިއާއިން ޕާކިސްތާނުގެ އަމާޒުތަކަށް ދިން ވަރުގަދަ މިސައިލް ހަމަލާތަކާއި ގުޅިގެން ނެރެއްވި ކުރު ބަޔާނެއްގައި އެވެ.

އެގޮތުން ޝަހްބާޒް ވިދާޅުވީ "ޣައްދާރު ދުޝްމަނުން" ޕާކިސްތާނުގެ ފަސް ތަނަކަށް ހަމަލާއެއް ދީފައިވާ ކަމަށާއި މިއީ ހަރުކަށި ފިކުރުގެ ހަމަލާއެއް ކަމަށެވެ. އެ ހަމަލާތަކާއި އެކު ޕާކިސްތާނުން ހަމަލާގެ ޖަވާބު ދިނުމުގެ ފުރިހަމަ އިޚްތިޔާރު އެބައޮތްކަން ފާހަގަކުރައްވައި ޝަހްބާޒް ވިދާޅުވީ މިހާރުވެސް ޕާކިސްތާނު އަސްކަރިއްޔާއިން ވަރުގަދަ ރައްދު ހަމަލާތަކެއް ދެމުންދާ ކަމަށެވެ.

އަދި މިވަގުތުގައި ޕާކިސްތާނުގެ ސިފައިންގެ ފަހަތުގައި މުޅި ގައުމު އެއްބައިވަންތަކަމާއި ހިތްވަރާއި އަޒުމް އޮތްކަން ޝަހްބާޒް ފާހަގަކުރެއްވި އެވެ.

ޝަހްބާޒުގެ ކުރު ބަޔާން ނިންމަވާލައްވަމުން ވިދާޅުވީ ޕާކިސްތާނުގެ ދުޝްމަނުންނަށް އެމީހުންގެ މަގްސަދު ހާސިލުވިޔަ ނުދޭނެ ކަމަށެވެ.

"އޮޕަރޭޝަން ސިންދޫރު" ގެ ނަމުން ނަންދެވި އިންޑިއާއިން ފެށި ޚާއްސަ އޮޕަރޭޝަނާއި ގުޅިގެން އިންޑިއާގެ ދިފާއީ ވުޒާރާއިން ބުނީ ޕާކިސްތާނުގައި ނިރުބަވެރިންގެ އިންފްރާސްޓްރަކްޗާތަކަށް އަމާޒުކޮށް ހަމަލާދީފައިވާ ކަމަށެވެ. މި ހަމަލާއަކީ އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރުގެ ޕަހަލްގަމްގައި މިދިޔަ މަހު ދިން ހަމަލާގައި 26 މީހުން މަރުވި ހާދިސާއާއި ގުޅިގެން ނިރުބަވެރިންނަށް އަމާޒުކޮށް ފެށި ހަމަލާތަކެއް ކަމަށް އިންޑިއާ އަސްކަރިއްޔާއިން ވަނީ ބުނެފައި އެވެ. ޕަހަލްގަމްއަށް ދިން ހަމަލާގެ އަޑީގައި ޕާކިސްތާނުގެ ސަރުކާރުގެ އަތެއް ވާކަަމަށް އިންޑިއާއިން ތުހުމަތު ކުރި ނަމަވެސް ޕާކިސްތާނު ސަރުކާރުން ވަނީ އެކަމުގައި އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ބުނެ، އެކަން ހިނގި ގޮތުގެ "ނިއުޓްރަލް" ތަހުގީގެއް ހިންގުމަށް ގޮވާލާފަ އެވެ.

އިންޑިއާއިން "އޮޕަރޭޝަން ސިންދޫރު" ގެ ނަމުގައި ފެށި ހަމަލާތަކުގައި އިންޑިއާ އަސްކަރިއްޔާއިން ވަނީ ޕާކިސްތާނުގެ 7 ސަރަހައްދަކަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފައި އެވެ.

މި ހަމަލާތަކާއި ގުޅިގެން ޕާކިސްތާނުގެ އިސް އޮފިޝަލުން ބުނާގޮތުގައި މިއީ " ހަނގުރާމައިގެ" ފެށުމެވެ. އަދި ޕާކިސްތާނުގެ ބޮޑުވަޒީރުވެސް މި ހަމަލާތައް ސިފަކުރެއްވީ އިންޑިއާއިން ހަނގުރާ ފެށުން ފަދައިންނެވެ.

އިންޑިއާއިން ފެށި މި ހަމަލާތަކާއި އެކު މާގިނަ އިރުތަކެއް ނުވެ ޕާކިސްތާނުން ވެސް ވަނީ ރައްދު ހަމަލާތައް ފަށާފައި އެވެ. އެގޮތުން ބައެއް ރިޕޯޓުތައް ބުނާގޮތުގައި ޕާކިސްތާނުގެ ވައިގެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ އިންޑިއާގެ ޖެޓުތަކެއް ވަނީ ވައްޓާލާފައި އެވެ. ނަމަވެސް އަދި މިހާތަނަށް އެކަން ކަށަވަރުވެފައި ނުވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside