logoEN
Sto top
ނިއުގެ މެނޭޖަރަކަށް ކައްޕި، އެސިސްޓެންޓް މެނޭޖަރަކަށް މުޖޭ!

ނިއުގެ މެނޭޖަރަކަށް ކައްޕި، އެސިސްޓެންޓް މެނޭޖަރަކަށް މުޖޭ!

އަހުމަދު ޝުރާއު

logo

5/5/2025, 4:53:26 PM

# ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު

--

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ މެނޭޖަރާއި އެސިސްޓެންޓު މެނޭޖަރުގެ މަގާމަށް ބޭފުޅުން ހަމަޖައްސައިފި އެވެ.

Wamco

ނިއު ރޭޑިއަންޓުން ބުނީ އެކްލަބުގެ މެނޭޖަރަކަށް ހަމަޖައްސާފައިވަނީ އަލީ އިބްރާހިމް (ކައްޕި) ކަމަށެވެ. އަދި އެސިސްޓެންޓު މެނޭޖަރަކަށް ހަމަޖައްސާފައިވަނީ މުޖުތަބާ ޖަލީލު (މުޖޭ) އެވެ.

ކައްޕި އާއި މުޖޭއަކީ ކްލަބަށް ދިމާވި މާލީ ގޮންޖެހުންތަކާއި އެކު ވެއްޓުނު ބޮޑު އަނދަވަޅުން އެޓީމު އަލުން ނަގައި ކޮޅަށް ޖެހުމަށް ގިނަ އެހީތަކެއް ފޯރުކޮށްދިން ދެ ފަރާތެވެ. އަދި ކްލަބުގެ އައު މެނޭޖެންމެންޓުގައި އެދެ ބޭފުޅުންނަނީ ވައިސް ޗެއާމަންގެ ދައުރުވެސް އަދާކުރައްވާ ދެ ބޭފުޅުންނެވެ.

މެނޭޖަރުކަމަށް ހަމަޖެއްސި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ކައްޕި އަކީ މީގެ ކުރިންވެސް ވަނީ ނިއު ރޭޑިއަންޓުގެ މެނޭޖަރުގެ މަގާމު އަދާކޮށްފައި އެވެ. އެގޮތުން 2022 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަންގައި އާއި 2023/2024 ވަނަ ސީޒަނުގައިވެސް އެކްލަބުގެ މެނޭޖަރުކަން ކުރެއްވީ ކައްޕި އެވެ.

ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރުކަންވެސް ކުރައްވާ މުޖުތަބާ ޖަލީލް އަކީވެސް ދިވެހި ކުޅިވަރަށް، އަދި ވަކީން ޚާއްސަކޮށް ދިވެހި ފުޓްބޯޅައަށް ގިނަ އެހީތަކެއް މީގެ ކުރީންވެސް ފޯރުކޮށްދިން ފަރާތެކެވެ. ކްލަބަށް ދިމާވި މާލީ ބޮޑު އަނދަވަޅުން ކްލަބު ނަގައި މިއަހަރުގެ ސީޒަނަށް ކްލަބު ތައްޔާރުކުރުމުގައި މުޖުތަބާގެ ދައުރު ބޮޑެވެ.

ދިވެހި ފުޓްބޯޅައިގެ ނޫ ލަޝްކަރުގެ ގޮތުން މަޝްހޫރުވެފައިވާ ނިއު ރޭޑިއަންޓުން މިއަހަރުގެ ސީޒަނަށް ވަރަށް ބޮޑަށް ތައްޔާރުވެފައިވާއިރު ދާދި ފަހުން އެކްލަބުގެ މިއަހަރުގެ ސީޒަން ފެށުމަށް ޚާއްސަ ރަސްމިއްޔާތެއް ވަނީ ބައްވާފައި އެކްލަބުގެ ސްކޮޑު ވަނީ އިއުލާނުކޮށްފައި އެވެ. މިއަހަރުގެ ސްކޮޑުގައި ހިމެނެނީ ރާއްޖޭގެ ފުރަތަމަ އަދި ދެވަނަ ޑިވިޝަނުން ފެނިފައިވާ ތަޖުރިބާކާރު ކުޅުންތެރިންނާއި، މިދިޔަ އަހަރު ބޭއްވި ގޯލްޑް ކަޕްގައި ފާހަގަކުރެވުނު ހުނަރުވެރި ކުޅުންތެރިންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside