
ހަނި ގޯޅިތަކުގައި މަގު ބައްތި ޖަހައި އަލިކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި
# މާލެ ސިޓީ ކައުންސިލް--
މާލެ ސިޓީގެ ހަނި ގޯޅިތަކުގައި ހުރި ގެތަކުގައި ދިރިއުޅުއްވާ ބޭފުޅުންނަށް ހިތްފަސޭހަ ރައްކާތެރި މާހައުލެއް ޤާއިމްކޮށްދެއްވުމަށް އެ ގޯޅިތައް އަލިކުރުމަށް، ބައްތި ޖެހުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.

ސިޓީ ކައުންސިލުގެ ޚާއްސަ ޓީމެއް ނަގައިގެން ފައްޓަވައިފައިވާ މި މަސައްކަތް މުޅިން ނިންމާލެވޭ އިރު، މަގު ބައްތި ޖެހުމުގެ އިތުރުން އެ ގޯޅިތަކުގައި ހަލާކުވެފައިވާ ޕޭވްމަންޓުތައް ހަދައި މަގުގައި ގައުތައް އައުކޮށް މަރާމާތު ކުރުން ހިމެނެއެވެ.
މާލޭގައި ދިރިއުޅުއްވާ ރައްޔިތުންނަށް ހިތްފަސޭހަ، އުފާވެރި ހިތްހަމަޖެހޭ މާޙައުލެއް ހޯއްދަވައި ދެއްވުމަށް ޓަކައި، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމްގެ ޚާއްޞަ އިސްނެންގެވުމުގެ މަތީން މީގެ ކުރިން ވެސް ވަނީ މި ފަދަ ބައެއް ކަންކަން ކުރައްވަފައެވެ. މި ގޮތުން ޕާކުތަކުގެ އާބާތުރަ ފިލުވައި މާލޭގެ މަގުތަކުން ކުނި ނަގައި، ވާރޭ ވެހި ފެން ހިދުމުން ވެސް ބައެއް މަގުތަކުގައި ފެން ނުހިދި އޮންނަ ސަރަޙައްދުތައް ރަނގަޅުކުރުން ހިމެނެއެވެ.
މީގެ އިތުރުން މޭޔަރ ޢާޒިމް ވިދާޅުވީ ކައުންސިލްގެ އަމާޒަކީ މި ފަދަ ތުރާތަކުން މާލޭގެ ރަށްވެހިން ސަލާމަތްކޮށް ހިތް ފަސޭހަ ތަނަކަށް މާލެ ސިޓީ ހެދުމެވެ. މި ކަންކަން ޙާސިލް ކުރުމަށް ކައުންސިލްގެ އެންމެހައި މުވައްޒަފުން ގުޅިގެން، ހަލުވިދުވެލީގައި މަސައްކަތް ކުރުމަށް، އަމާޒު ހިފާފައިވާ ވާހަކަ ވެސް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.
ގުޅުންހުރި

ތައިސޭ ކޮށީގެ ނަން "މާލެ ސިޓީ ހޯލް" ގެ ނަމަށް ބަދަލުކޮށްފި

މާލެ ސިޓީ ކައުންސިލްގެ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށަށް

މިނިސްޓްރީގެ އެންގުމާއި އެއްގޮތަށް މާލޭގެ މަގުތަކުގައި ޕާކިންއަށް ދޫކުރި ތަންތަން ޢާއްމުންނަށް ހުޅުވައިލުމަށް ސިޓީ ކައުންސިލުން ނިންމައިފި
