logoEN
Sto top
ވާދަވެރި ކުޅުމަކަށްފަހު ދާލު ބުލޫސް ބަލިކޮށް ޓްރިޕަލް ވެއާ ފައިނަލުން ޖާގަ ހޯދައިފި

ވާދަވެރި ކުޅުމަކަށްފަހު ދާލު ބުލޫސް ބަލިކޮށް ޓްރިޕަލް ވެއާ ފައިނަލުން ޖާގަ ހޯދައިފި

ހަސަން ޝަމްއޫން

logo

3/17/2025, 8:01:55 AM

# ދިވެހި ކުޅިވަރު # ކުޑަހުވަދޫ ކައުންސިލް ވޮލީބޯޅަ މުބާރާތް 2025

ދާލު ބުލޫސް އާއި ޓްރިޕަލް ވެއާ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ކުޑަހުވަދޫ ކައުންސިލް

މިހާރު ކުރިއަށްދާ ކުޑަހުވަދޫ ކައުންސިލް ވޯލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގައި އަދީއްތަ ދުވަހުގެ ރޭ ޓްރިޕަލް ވެއާ އާއި ދާލު ބުލޫސް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު ތިން ސެޓުން ދެ ސެޓުން ކާމިޔާބުކޮށް ލީގުބުރުގެ ދެވަނަ ޓީމުގެ ގޮތުގައި ޓްރިޕަލް ވެއާ މުބާރާތުގެ ފައިނަލުން ޖާގަހޯދައިފިއެވެ.

Wamco

މުބާރާތުގައި ޓްރިޕަލް ވެއާ ކުޅުނު ފުރަތަމަ މެޗުގައި ގޮޅި އަތުން ސީދާ ތިން ސެޓުން ބަލިވި ނަމަވެސް ދެވަނަ މެޗުގައި އެޓީމުން ވަނީ ސީދާ ތިން ސެޓުން ޔޫބީއެމްއެލް ކުއީންސް ބަލިކޮށްފައެވެ. އަދި ދާލު ބުލޫސްގެ ފުރަތަމަ މެޗުގައި ސީދާ ތިން ސެޓުން ޔޫބީއެމްއެލް ކުއީންސް އަތުން މޮޅުވި ނަމަވެސް ދެވަނަ މެޗުގައި ގޮޅި އަތުން ތިން ސެޓް އެއް ސެޓުން އެޓީމު ވަނީ ބަލިވެފައެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ދެ ސެޓް ކާމިޔާބުކުރީ ޓްރިޕަލް ވެއާ އިންނެވެ. އެގޮތުން މެޗުގެ ފުރަތަމަ ސެޓް 24-26 ގެ ނަތީޖާއަކުން ޓްރިޕަލް ވެއާ ކާމިޔާބުކުރިއިރު، ދެވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ 27-25 ގެ ނަތީޖާއަކުންނެވެ.

ނަމަވެސް ޖެހިގެންއައި ދެ ސެޓް ކާމިޔާބުކޮށް ދާލު ބުލޫސް އިން މެޗުގެ ނަތީޖާ އެއްވަރުކުރިއެވެ. އެގޮތުން މެޗުގެ ތިންވަނަ ސެޓް ނުވަ ޕޮއިންޓްގެ ލީޑަކާއެކު 16-25 ގެ ނަތީޖާއަކުން ދާލު ބުލޫސް ކާމިޔާބުކުރިއިރު، ހަތަރުވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ ހަ ޕޮއިންޓްގެ ލީޑަކާއެކު 19-25 ގެ ނަތީޖާއަކުންނެވެ.

މިއާއެކު މެޗުގެ ނަތީޖާ ނެރުމައްޓަކައި ކުޅެވުނު ފަސްވަނަ ސެޓް 13-15 ގެ ނަތީޖާއަކުން ޓްރިޕަލް ވެއާ ކާމިޔާބުކުރިއިރު، މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޓީމުގެ މާޔާ ހުސެއިން ސޮލާހް އެވެ.

މިނަތީޖާއެކު ލީގުބުރުގައި ކުޅުނު ތިން މެޗުން ވެސް ޓްރިޕަލް ވެއާއަށް ފަސް ޕޮއިންޓް ލިބިފައިވާއިރު ލީގުބުރުގެ ދެވަނަ ޓީމުގެ ގޮތުގައި އެޓީމަށް ވަނީ މުބާރާތުގެ ފައިނަލްގެ ދެވަނަ ޖާގަ ލިބިފައެވެ. އަދި މިމެޗުން ބަލިވި ދާލު ބުލޫސް މުބާރާތް ނިންމާލީ ލީގުބުރުގައި ކުޅުނު ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައި އޮވެއެވެ.

11 މާރިޗު 25 އިން 17 މާރިޗު 25 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގެ އަންހެން ޑިވިޝަނުގައި މިއަހަރު ހަތަރު ޓީމަކުން ވާދަކުރަމުން އަންނައިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ފައިނަލަށް ހޮވޭގޮތަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside