







އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ މައި ދަމާރު ކަމުގައިވާ ލިންކް ރޯޑު، ޒަމާނީ ފެންވަރަކަށް އަލުން ތަރައްގީކުރުމުގެ އަމަލީ މަސައްކަތް އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި ފެށުމަށް ސަރުކާރުން ތައްޔާރުވެއްޖެއެވެ.
ޕީއެންސީގެ މަތީމަޖިލީހުގައި ވަޒީރުން މައުލޫމާތު ދެއްވުމަށް ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ، މަޝްރޫއުގެ މަސައްކަތް ކޮންޓްރެކްޓަރަކާ ހަވާލުކުރުމަށް ވާންޖެހޭ އެންމެ ފަހުގެ އިދާރީ ތައްޔާރީތައް މި ހަފުތާ ނިމުމުގެ ކުރިން ފުރިހަމަކުރެވޭނެ ކަމަށެވެ. އަދި އަންނަ ހަފުތާގެ ތެރޭގައި ރަސްމީކޮށް އެއްބަސްވުމުގައި ސޮއިކޮށް، އަންނަމަހުގެ ނިޔަލަށް ސައިޓުގައި އަމަލީ މަސައްކަތް ފެށުމަށް އަމާޒު ހިފާފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މި މަޝްރޫއުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ސީޓީބީ އަޅާފައިވާ 67.58 ކިލޯމީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުން ނުވަތަ ގައު އަތުރައިގެން މަގު ހެދުން ހިމެނެއެވެ. މީގެއިތުރުން، ފޭދޫގައި ފެންބޮޑުވާ މައްސަލައަށް ހައްލެއް ހޯދުމަށް ފެންހިންދާ ނިޒާމު ގާއިމުކުރުމާއި، ހިނގާ މީހުންނަށް ރައްކާތެރި ދުވާރުތައް ހެދުމުގެ އިތުރުން މަގުމަތީގެ ސަލާމަތީ ނިޝާންތަކާއި ޓްރެފިކް ބޯޑުތައް ހަރުކުރުން ވެސް މި މަސައްކަތުގެ ދަށުން ކުރިއަށްދާނެއެވެ.
ޕީއެސްއައިޕީގެ ދަށުން ރަށްރަށުގައި ހިންގާ ތަރައްގީގެ އެކި މަޝްރޫއުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނީ ރައްޔިތުންގެ ޚިޔާލާއި ކަންބޮޑުވުންތަކަށް ރިއާޔަތްކޮށްގެން ކަމަށެވެ. އަދި އާންމުން އެދޭ ބަދަލުތައް މަޝްރޫއުތަކަށް ގެނައުމަކީ ސަރުކާރުގެ މުހިންމު އަމާޒެއްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު އިސްކަމަކީ ރައްޔިތުންގެ އަޑުއަހައިގެން ދެމެހެއްޓެނިވި ތަރައްގީ ގެނެސްދިނުން ކަމަށެވެ.
ހިތަދޫން ފެށިގެން ގަމާ ހަމައަށް އޮންނަ 16 ކިލޯމީޓަރުގެ ދިގު ލިންކް ރޯޑަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2001 ވަނަ އަހަރު ބިނާކުރަން ފަށައި، 2003 ވަނަ އަހަރުން ފެށިގެން އައްޑޫގެ ރައްޔިތުން ބޭނުންކުރަމުން އަންނަ މުހިންމު މަގެކެވެ.








