
--
ބޮޑުވަޒީރު ޝެއިޚް ހަސީނާ މަގާމުން ދުރުކުރުމަށް މިދިޔަ އަހަރު ބޭއްވި ބޮޑު މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވި ބަންގްލަދޭޝްގެ ދަރިވަރުން ސިޔާސީ މަސައްކަތް ކުރުމަށް ސިޔާީ ޕާޓީއެއް އުފައްދައިފި އެވެ.

އެދަރިވަރުން މައުލޫމާތު ދޭގޮތުގައި މި ސިޔާސީ ޕާޓީއަކީ އަންނަ އަހަރުގެ ތެރޭގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް އުފެއްދި ޕާޓީއެކެވެ.މިދިޔަ ހުކުރު ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާއާ ޖެހިގެން އޮންނަ މަނިކް މިއާ އެވެނިއުގައި ބޭއްވި އެއްވުމެއްގައި ވާހަކަ ދައްކަވަމުން އަލަށް އުފެއްދި ނޭޝަނަލް ސިޓިޒަންސް ޕާޓީ (އެންސީޕީ)ގެ ލީޑަރުން ވިދާޅުވީ ބައިބައިވުމާއި، ދެފުށް ފެންނަ އަދި ކޮރަޕްޝަންގެ މައްސަލާގައި ހެޔޮ ވެރިކަމެއް ގެނައުމުގެ ނިޔަތުގައި އުފެއްދި މި ޕާޓީއަކީ ގައުމީ އެއްބައިވަންތަކަމުގެ ސިޔާސީ އަދި "ދެވަނަ ޖުމްހޫރިއްޔަތެއް" ބިނާކުރުމަށް މިނިވަން ހާރިޖީ ސިޔާސަތެއް ގެންގުޅޭނެ ޕާޓީއެއް ކަމަށެވެ.
މިދިޔަ ޖުލައި މަހު ހަސީނާއާ ދެކޮޅަށް ހިންގި ބަޣާވާތުގައި ސަލާމަތީ ބާރުތަކުން ޝަހީދުކޮށްލި މީހުންގެ ތެރޭގައި ހިމެނޭ އިސްމާއިލް ހުސައިން ރަބްބީގެ ކޮއްކޮ ލީމާ އަކްތަރު ވަނީ ޕާޓީގެ އާ ކޮންވިނަރަކީ ނާހިދު އިސްލާމް ކަމަށް ވިދާޅުވެފަ އެވެ.
ހަސީނާގެ ވެރިކަން ވައްޓާލި ޖުލައި މަހުގެ ބަޣާވާތުގެ ޕޯސްޓަރު ބޯއީ އަދި ފަހުން ބަންގްލަދޭޝްގެ މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގެ ވަގުތީ ވެރިޔާގެ މަގާމުގައި ހުންނެވި އިސްލާމް ވެގެން ދާނީ އާ ޕާޓީގެ އިސް ލީޑަރަށެވެ. ނޮބެލް ސުލްހައިގެ އިނާމު ހާސިލްކުރެއްވި މުހައްމަދު ޔޫނުސް އިސްވެ ހުންނަވާ އިންތިގާލީ ސަރުކާރުން އިސްލާމް އިސްތިއުފާ ދެއްވީ އާ ޕާޓީގެ ލީޑާޝިޕާ ހަވާލުވުމަށެވެ.
މިދިޔަ އޮގަސްޓް މަހު ހަސީނާ ވަކިވެވަޑައިގަތުމަށް ފަހު އިންތިގާލީ ސަރުކާރުގެ އެންމެ އިސްވެރިޔާގެ މަގާމުގައި ހުންނެވި ޔޫނުސް ވަނީ ޑިސެމްބަރު މަހުގެ ތެރޭގައި ނުވަތަ 2026 ވަނަ އަހަރުގެ ކުރީކޮޅު އާންމު އިންތިހާބު ބޭއްވޭނެ ކަމަށް ވިދާޅުވެފަ އެވެ.
ގުޅުންހުރި

ހަސީނާގެ ވެރިކަން ވައްޓާލި ދަރިވަރުން, ސިޔާސީ ޕާޓީއެއް އުފައްދައިފި

ބޮޑުވަޒީރު ކަމުން ދުރުކުރި ހަސީނާގެ ވިސާގެ މުއްދަތު އިންޑިއާއިން އިތުރުކޮށްފި

ބަންގްލަދޭޝް އާއި ޖަޕާނުން މަތީ ތަޢުލީމު ހާޞިލުކުރުމުގެ ފުރުޞަތު!
