
ބަނގުރާގެ މައްސަލާގައި ހައްޔަރުކުރި 2 މީހުން- ފޮޓޯ: ފުލުހުން
ބަނގުރާ ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން 2 މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ މީހުން ކަމަށްވާ ރޮކިބުލް ހަސަން (24އ) އަދި އެމް ޑީ ޖަކިރް ހޮސެއިން (29އ) ކަމަށެވެ.
މި މީހުން ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި މަހުގެ 26 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގަ އެވެ. އަދި މާލެ މަގުމަތިން ސައިކަލެއްގައި ދަނިކޮށް އެ މީހުން ހުއްޓުވައި، އެ މީހުން އަތުގައި ހުރި ތަކެއްޗާއި ސައިކަލު އަދި އެމީހުން ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު 17 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، އެ ދެމީހުންވެސް މިހާރު އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެ މީހުން ދުއްވި ސައިކަލު ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.












